ސިފައިންގެ އަހަރީ ދުވަހުގެ ފޮޓޯ މައުރަޒު މިއަދު މޮޅަދޫގައި ބާއްވަނީ

މިއަދު ފާހަގަ ކުރަމުން އަންނަ ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ދިމާކޮށް ބާއްވާ "21 ވަނަ ސިފައިންގެ ފޮޓޯ މައުރަޒު" ހ. މޮޅަދޫގައި ބާއްވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.


ފޮޓޯ މައުޒަރު މި ފަހަރު ބާއްވާ މޮޅަދުކީ ނޮވެމްބަރު، 3، 1988 ގެ އުދުވާނީ ޝަހީދުވި ކޯޕްރަލް މުހައްމަދު އިބްރާހީމް (މެކާނޯ) ގެ އުފަން ރަށެވެ. އެ ރަށުގައި ފޮޓޯ މައުރަޒު ބާއްވަން ނިންމީ އޭނާގެ ޒިކުރާ އާ ކުރުމުގެ ގޮތުންނެވެ.

އެމްއެންޑީއެފުން ބުނީ ފޮޓޯ މައުޒަރު މިއަދު ކުރިއަށް ދާނީ މޮޅަދޫ ސްކޫލްގައި ހަވީރު 4:00-6:00 އަށް ކަމަށެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ފޮޓޯ މައުރަޒުގައި ނޮވެމްބަރު، 3، 1988 ގައި ރާއްޖެ އަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ ފޮޓޯތަކާއި ގުދުރަތީ އެކިއެކި ހާދިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި އިޖުތިމާއީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީހާއި އަދި އޭގެ އިތުރުން ސިފައިންގެ ހުދުމަތްތަކާ ގުޅުން ހުރި ގިނަ ފޮޓޯތަކެއް ދައްކައިލާނެ އެވެ.

މިދިޔަ އަހަރު ސިފައިންގެ 125 ވަނަ އަހަރީ ދުވަހާ ދިމާކޮށް 20 ވަނަ ފޮޓޯ މައުޒަރު ބޭއްވީ އައްޑޫ ހުޅުމީދޫގަ އެވެ.