ތިން އެކުވެރިން މަރާ ހަނގުރާމަ ކުރި، އެކަމަކު ދެ ކުދިން ގެއްލުނީ އެހީއެއް ނެތި

ސ. ހިތަދޫ ހޮސްޕިޓަލްގެ ވޯޑެއްގެ އެނދުގައި އޭނާ އޮތްއިރު، މަންމަ ހައްވާ ޒާހިރާ އެނދު ކައިރީ ގޮނޑިއެއްގައި އިނެވެ. ހަނި ގޮތަކަށް އިއްޔެ މަރުން ސަލާމަތްވި ހިތަދޫ ބްލޫގޭ އަލީ ރާއިފް 16، އޮތީ ހިމޭން ވެފަ އެވެ. އަބަދުހެން އޮންނަނީ ހިޔާލަކަށް ގެއްލިފަ އެވެ. ވާހަކަ ދައްކަނީ ކިރިޔާ އިވޭ ވަރަށް، ވަރަށް މަޑުންނެވެ.


އިއްޔެ ހެނދުނު ހިތަދޫ ފުއްޓަރު ފަރާތު މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަނެގެން ގެއްލުނު އުމުރުން 14 އަހަރުގެ ދެ ކުދިން ކަމަށްވާ މަޔާމިން އަލީ އާއި އަލީ ފަހުމީގެ އެންމެ ގާތް އެކުވެރިޔަކީ ވެސް ރާއިފެވެ. އަނެއްކޮޅުން، އެ ދެ އެކުވެރިންނާ އެކު މޫދަށް ގޮސް އުޅެނިކޮށް ސަލާމަތްވި ހަމައެކަނި ކުއްޖަކީ ވެސް ރާއިފެވެ. އެކަމަކު ސަލާމަތްވި ކަމުގެ އުފަލެއް ނެތި، ރާއިފް ގެއްލިފައި ވަނީ މޫދުގައި ހިނގައިދިޔަ ކަންތައްތަކުގެ ހިޔާލުތަކުގެ ތެރެއަށެވެ. ދެ ރަހުމަތްތެރިންނަށް ވެދާނެ ގޮތަކާ ދޭތެރޭ އެވެ. އެކަމަކު އޭނާ އުންމީދު ކަނޑައެއް ނުލަ އެވެ.

"[މަޔާމިން އާއި އަލީ] ދިރިތިއްބާ ފެންނާނެ ކަމަށް އުންމީދު ކުރަނީ،" މިދިޔަ އަހަރު އޯ ލެވެލް ނިންމައިލި ރާއިފު ވަރަށް މަޑުމަޑުން މިއަދު ބުންޏެވެ.

ގެއްލުނު ކުދިން މޫދަށް އެރި އުޅުނު ސަރަހައްދަށް ބަޔަކު އެއްވެފައި.

ރާއިފް ބުނި ގޮތުގައި އޭނާ އާއި މަޔާމީން މޫދަށް އެރުނީ ޓީޝާޓު ބާލައިފަ އެވެ. އަލީ އެރުނީ ބުރަކަށީގައި "އެފްސީ ހިތަދޫ" ޖަހާފައި އިން ނޫ ކުލައިގެ ޓީޝާޓާ ވެސް އެކުގަ އެވެ. ގެއްލުނު ދެ ކުދިން ހޯދަމުން އަންނަނިކޮށް އެއިން ކުއްޖެއްގެ ޓީޝާޓު ކަމަށް ބެލެވޭ ޓީޝާޓެއް ފެނުނު ނަމަވެސް، ރާއިފު ބުނަނީ އެއީ އެ މީހުންގެ އެއްޗެއް ނޫން ކަމަށެވެ.

އެ ތިން ކުދިން މޫދަށް އެރުނު އިރު ފުއްޓަރު ފަރާތް އޮތީ ވަރަށް ބޮޑަށް ހިކިފަ އެވެ. އެކަމަކު ރާޅު ނަގާ ހިސާބަށް އެ މީހުން ދިޔަތަނާހެން ކުއްލިއަކަށް ނެގި ރާޅަކާ އެކު އެންމެ ފުރަތަމަ މަޔާމީން ދުރަށް ދަމައިގަތެވެ. ދެން އޭނާ ސަލާމަތްކުރަންވެގެން ރާއިފާއި އަލީ އުޅެނިކޮށް އަނެއްކާ ވެސް ނެގި ބިޔަ ރާޅަކާ އެކު ދެ ކުދިން ވެސް އަޑިއަށް ގޮސް ފަހުމީ ބޭރަށް ދަމައިގަތެމެވެ.

"އަހަންނާއި އަލީ ވަރަށް މަސައްކަތް ކުރިން މަޔާމީން ސަލާމަތް ކުރެވޭތޯ. އެކަމަކު ދެ ވަނަ ރާޅާ އެކު، މަޔާމިން ގެއްލި އަލީ ވެސް ދަމައިގަތީ،" ފެންކަޅިވެފައި އޮވެ ރާއިފް ކިޔައިދިނެވެ.

"އޭރު އަހަންނަށް ވުރެ ދުރުގައި އެ ދެ މީހުން ވެސް ތިބީ."

އެ މަންޒަރު އަތިރިމަތީގައި ހުރި ހިތަދޫ ބްލޫރޫމް ހަސަންދީދީ އަށް ފެނުނެވެ. އެންމެ ގާތުގައި އޮތް ރާއިފް ނަގައިގެން ގެނެސް އެއްގަމަށް އެރުވި އެވެ. އޭރު އޭނާ އޮތީ ވަރަށް ބޮޑަށް ލޮނު ބޮވި ހާލު ދެރަވެފަ އެވެ. ރާއިފް ސަލާމަތްކޮށްފައި، އަނެއް ދެ ކުދިން ސަލާމަތް ކުރަން ހަސަން ދިޔައިރު އެ ކުދިން ފެންނާކަށް ވެސް ނެތެވެ.

ގެއްލުނު ކުދިންގެ ތެރެއިން ކުއްޖެއްގެ ޓިޝާޓް ކަމަށް ބެލެވޭ ޓީޝާޓް.

ރާއިފް ސަލާމަތްވީތީ ހައްވަ އިނީ އުފަލުންނެވެ. ޝުކުރުވެރިވާ ހާލު، އޭނާގެ ދުއާ އަކީ އަނެއް ދެ ކުދިން ވެސް ސަލާމަތުން ފެނުމެވެ. ރާއިފާއި އަނެއް ދެ ކުދިން އިއްޔެ ހެނދުނު ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް އެރުނީ މައިލޯ ދަނޑުގައި ފުޓްބޯޅަ ކުޅެ ނިންމާލުމަށް ފަހު ގެއަށް ދިއުމުގެ ކުރިން މޫދަށް އެރި މަޖާކޮށްލުމަށެވެ. އެއީ އެހާ އާންމު ނޫން ނަމަވެސް އެ މީހުން ދޭތެރެއަކުން ކުރާ ކަމެކެވެ. ތިން ކުދިންނަކީ ވެސް ރަނގަޅަށް ފަތަން ދަންނަ ކުދިންނެވެ.

އެކަމަކު ކުރިން ހުރި މިޒާޖެއް މިހާރު ރާއިފްގެ ނެތެވެ. އޭނާ އޮތީ ބަސް ހުއްޓިފަ އެވެ. ޑޮކްޓަރުން ވެސް ގަބޫލު ކުރާ ގޮތުގައި ރާއިފަށް ވަނީ ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ.

"އަބަދު ވެސް ފުން ހިޔާލެއްގެ ތެރޭގައި ރާއިފު އޮންނަނީ. އެހެން ވާނެ ދޯ އެކުގައި އުޅުނު ގާތް ދެ ރައްޓެހިގެން ގެއްލިގެން ދިޔައީމަ،" މަންމަ ހައްވަ ބުންޏެވެ. "އެކަމަކު މިހާރު ވަރަށް ބޮޑު ތަން ރަނގަޅު. މިއަދު ހެނދުނު އައިސީޔޫ އިން ވޯޑަށް ބަދަލު ކުރީ. ޑޮކްޓަ ބުނަނީ މާދަމާ ދޫކޮށްލެވޭނެ ކަމަށް."

ރާއިފް ސަލާމަތް ކުރި ހަސަންދީދީ.

ރާއިފްގެ މަންމަ ބުނި ގޮތުގައި ދަރިފުޅަކީ ވަރަށް ބޮޑަށް ފިޓް ވެސް ޖެހޭ ކުއްޖެކެވެ.

"އަބަދު ވެސް ބުނަން ދަރިފުޅު ކައިރީގައި އެހާ ގިނައިން ކުޅެން ނުދާށޭ ވެސް. ރާއިފް ބަލިކަމުން ކަމެއް ވެދާނެތީ އަބަދު ވެސް ބިރު ހުންނަނީ. އިއްޔެ ވެސް ކުޅެން ގޮސްފައި ގެއަށް ވެސް އައިސްފައި މޫދަށް ދާން ދިޔައީ،" ހައްވަ ބުންޏެވެ. "އޭރު ގާތްގަނޑަކަށް 11 ޖަހާނީ. އޭގެ ބައިގަޑިއެއްހާ އިރު ފަހުން، މި ކުދިން ގެނބިގެން އުޅޭކަން އެނގުނީ."

އޭނާ ބުނި ގޮތުގައި މަޔާމީން އާއި އަލީއަކީ ރާއިފުގެ ވަރަށް ގާތް ދެ ރައްޓެހިންނެވެ. ގެއަށް ދަރިފުޅު ހޯދަން ވެސް އެ މީހުން ދެ އެވެ.

"ހިތަދޫ ސްކޫލުން މި ތިން ކުދިންގެ މެދުގައި ރައްޓެހިކަން އުފެދުނީ،" ފަސް ކުދިން ތިބި ހައްވަ ބުންޏެވެ. "އެހާ އެއްކޮށް އުޅުނު ކުދިންތަކަކަށްވީ ގޮތެއް ނޭނގުނީމަ ކިހާ ދެރަ ވާނެ."

ފަހުމީގެ އާއިލާ ވެސް އުންމީދުގައި!

އަލީގެ ކޮއްކޮ އަހުމަދު ރާހިންއާ ހުރީ ފުއްޓަރު ފަރާތުގަ އެވެ. އަލީގެ އާއިލާގައި އެއްބަނޑު އެއްބަފާ ފަސް ކުދިން ތިބެ އެވެ. އެއީ ތިން ފިރިހެން ކުދިންނާއި ދެ ކުދިންނެވެ. ރާހިން އަކީ މަޔާމީންއާ އެއް ކުލާހެއްގައި ހިތަދޫ ސްކޫލްގައި ގްރޭޑް 9 ގެ ބީޓެކަށް ކިޔަވާ ކުއްޖެކެވެ. މަޔާމީންއަކީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އެވެ. ފަހުމީއަކީ އެ ސްކޫލްގައި ހަމަ ބީޓެކަށް ގްރޭޑް 10 ގައި ކިޔަވާ ކުއްޖެކެވެ.

ގެއްލިގެން ހޯދާ އަލީ.

"ބޭބެ އާއި މަޔާމީން ފެންނާނެ ކަމަށް އުންމީދު އެބަ އޮތް،" ރާހިން ބުންޏެވެ.

އޭނާ ބުނީ ބޭބެމެން ގެއްލުނުކަން އެނގުނީ ރާއިފް ސަލާމަތް ކުރި ހަސަން އެ ގެއަށް ގޮސް އެ ވާހަކަ ބުނުމުންނެވެ.

"ދެން އެންމެން ދުވެފައި މި ސަރަހައްދަށް އައި އިރު މީހުން އޮތީ ޖަމާވެފައި،" ރާހިން ބުންޏެވެ. "ބޭބެމެން ނުފެންނާނެ ކަމަކަށް ނުނިންމާނަން. އިރާދަކުރެއްވިއްޔާ އެ މީހުން އަދި ސަލާމަތުން ފެންނާނެ."