ފެނުނީ ގެއްލުނު ކުއްޖެއްގެ ޓީޝާޓެއް ނޫން: ރާއިފް

އައްޑޫ ހިތަދޫގައި އިއްޔެ މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދަމުން ދަނިކޮށް އެ އިން ކުއްޖެއްގެ ޓީޝާޓެއް ކަމަށް ބެލެވޭ އެއްޗެއް، ފެނުނު ނަމަވެސް އެއީ އެ އިން ކުއްޖެއްގެ އެއްޗެއް ނޫން ކަމަށް، އެ ދެ ކުދިންނާ އެކު މޫދަށް އެރި އުޅެނިކޮށް ސަލާމަތްވި އަލީ ރާއިފު މިއަދު ބުނެފި އެވެ.


ރާއިފާ އެކު އިއްޔެ ހެނދުނު މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަނީ ހިތަދޫ ޓޮޕާޕް މަޔާމީން އަލީ، 14، އާއި އެ އަވަށު ޗަނބޭލީގޭ އަލީ ފަހުމީ، 15، އެވެ. އެ ދެ ކުދިންނަކީ ވެސް ހިތަދޫ ސްކޫލްގައި ކިޔަވަމުން އަންނަ ދެ ކުދިންނެވެ.

ރާއިފު މިއަދު ހޮސްޕިޓަލްގައި އޮވެ ބުނީ އެ ދެ ކުދިން ހޯދަން އުޅުނު މީހުންނަށް ފެނުނު ޓީޝާއަކީ ގެއްލުނު ދެ ކުދިން ކުރެ ކުއްޖެއްގެ އެއްޗެއް ނޫން ކަމަށެވެ.

ރާއިފް ބުނި ގޮތުގައި އޭނާ އާއި މަޔާމީން މޫދަށް އެރުނީ ލައިގެން ތބި ޓީޝާޓް އެއްގަމުގައި ބާއްވައިފަ އެވެ. އަދި ފަހުމީ ހުރީ "ހިތަދޫ އެފްސީ" ޖަހާފައި ހުރި އަތް ކުރު ނޫކުލައިގެ ޓީޝާޓެއް ލައިގެން ކަމަށް ބުންޏެވެ. ފެނުނު ޓީޝާޓަކީ ނޫ، ރަތް އަދި ދަނބު ކުލަ ހުރި ޖާޒީއެކެވެ.

މަޔާމީން އާއި ފަހުމީ ހޯދުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން އެމްއެންޑީއެފާއި ފުލުހުންނާއި ގަމުގައި އޮންނަ އިންޑިއާ ހެލިކޮޕްޓަރާއި ހިތަދޫގެ ބައެއް ޑައިވަރުން ވެސް އަންނަނީ ކުރަމުންނެވެ.