ހައްޔަރުކޮށްފައިވާ އެސްއޯ ފުލުހުން ގޭބަންދަށް ބަދަލުކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލު ބަންދުގައި ތިބި އަށް ފުލުހުން މިއަދު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.


އެ ފުލުހުން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ ބަންދުގެ މުއްދަތު މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

އެ ފުލުހުންނަކީ އެސްއޯގެ ކުރީގެ ކޮމާންޑަރު ސައިފް ހުސެއިނާއި ސްޓޭޝަން އިންސްޕެކްޓަ ފާއިޒް މުހައްމަދާއި ސާޖަންޓް އަހުމަދު އާސިމާއި ސާޖަންޓް އަލީ ރިޝްވާނާއި ސާޖަންޓް އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިން އެވެ.

މިދިޔަ ފެބްރުއަރީ އާއި މާޗު މަހުގެ ތެރޭގައި އެ ފުލުހުން ހައްޔަރުކުރުމަށް ފަހު ވަނީ ވަޒީފާއިން ވެސް ވަކިިކޮށްފަ އެވެ. އެ މީހުން ޖަލު ބަންދުގައި ބޭތިއްބުމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން ބަންދުކޮށްފައި ތިބީ މާފުށީ ޖަލުގަ އެވެ.

ވެރިކަން ވައްޓާލަން އުޅުމުގެ އިތުރުން ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުމެ ޣައިރު ގާނޫނީ އެއްވުންތަކެއްގެ ތެރެއިން، އަމަން ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގައި ސަލާމަތީބާރުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް މި ފުލުހުންގެ މައްޗަށް ކުރެ އެވެ.

އެ އަށް ފުލުހުންގެ ބޯ އެ މީހުންގެ ނުރުހުމުގައި ބޭލުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް މިމަހު ވަނީ ހުށަހަޅާފަ އެވެ.

ފުލުހުންގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފު ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފަ އެވެ. ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަރީފް ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. އަރީފް މިހާރު ވެސް ހުރީ ޖަލު ބަންދުގަ އެވެ.