އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި މީހާ އަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި

ދެ ސައިކަލް ޖެހި މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަށް މިހާރު ފަރުވާދެނީ އައިސީޔޫގައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.


ބޮޑުތަކުރުފާނު މަގުން، ރައީސް އޮފީހުގެ ކުރިމަތީގައި ރޭ 11:30 ވާން އުޅެނިކޮށް ހިނގި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން ހާލު ސީރިއަސް ވެފައި ވަނީ މ. ވޯޓާޕާލް، އިސްމާއިލް ނަސީމް 45، އަށެވެ.

އިސްމާއިލްގެ ހާލަތާ ގުޅޭ އެއްވެސް ތަފުސީލެއް އޭޑީކޭ އަކުން އަދި މީޑިއާ އަކަށް ނުދެ އެވެ.

އިސްމާއިލްގެ ސިކުނޑި އަށް ލޭ އެޅިފައިވާއިރު އޭނާގެ މޫނުމަތީގައި ވެސް ޒަހަމްތަކެއް ހުރި ކަމަށް އެނގިފައިވެ އެވެ.

މި އެކްސިޑެންޓުގައި ދެން އަނިޔާވި އުމުރުން 20 އަހަރުގެ މީހާގެ ހާލު ރަނގަޅެވެ. އޭނާގެ ފައިގެ ކަށިމަތިން ބައެއް މަށައިގެން ދިއުން ފިޔަވައި ސީރިއަސް އަނިޔާތަކެއް ނުވެ އެވެ. އޭނާ އަށް ރޭ ފަރުވާ ދިނުމަށް ފަހު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ރޭގެ އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި އިސްމާއިލް ދުއްވި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައި-- މިހާރު ފޮޓޯ

މި އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގުން ދެކޮޅަށް ދުއްވާފައި އައި ދެ ސައިކަލް ވަރަށް ބާރަށް ޖެހިގެނެވެ. އެކްސިޑެންޓްވި ދެ ސައިކަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ދެ ސައިކަލުގެ ވެސް ފުރޮޅު ވަރަށް ބޮޑަށް ބަނޑިވެ ސައިކަލުގެ ކަވަރު ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި ދެ ސައިކަލުން ވެސް ބައެއް ބައިތައް ނައްޓައިގެން ގޮސް ބިންމަތީގައި ހުއްޓާ ފެނިފައިވެ އެވެ.