ހުޅުމާލޭގައި މި އަހަރު 15،000 ފްލެޓް އަޅަން ފަށާނެ: މިނިސްޓަރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް އަމާޒުކުރާ 15،000 ފްލެޓް މި އަހަރު ތެރޭގައި އިމާރާތްކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.


މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ހުޅުމާލޭގައި 15،000 ފްލެޓް އަޅަން ފަސް ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާގެ ދެ ކުންފުންޏާއި ކޮރެއާގެ ދެ ކުންފުނީގެ އިތުރުން ތުރުކީގެ ކުންފުންޏެކެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ފްލެޓް އެޅުމަށް ހުޅުވާލުމުން ވަރަށް ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެކަމަކު އެ ފަސް ކުންފުންޏާ ފްލެޓް އަޅަން ހަވާލުކުރީ ހުށަހެޅި ކަންކަމަށް ބަލައި ދެ އަހަރު ތެރޭގައި ނިންމަން ޝަރުތުކޮށެވެ.

"އިމާރާތް އަޅާ ގޮތް އަޅުގަނޑުމެން ކަނޑައެއް ނާޅަން، ކޮލިޓީ އަޅުގަނޑުމެން ކަނޑައަޅަނީ. ކިހާ ދުވަހަކަށްތޯ އެ ތަންތަން ބޭނުންކުރެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓްތައް ވަރަށް އަވަހަށް އިމާރާތްކުރެވޭ ގޮތްގޮތް ހުންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ 15،000 ފްލެޓް އެޅުމަކީ އުނދަގޫ ކަމެއް ނޫން ކަން އިމާރާތްކުރުމުގެ ދާއިރާ ދަންނަ ކުންފުނިތަކަށް އެނގޭނެ ކަމަށެވެ. އެހެންކަމުން އެއީ ހާސިލްކުރެވޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.