ދުއާކުރުން ހުއްޓުވައި އަޑުބަރޭ ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒުގައި މިއަދުގެ ހުކުރު ނަމާދަށް ފަހު، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ދުއާކުރަމުން ދަނިކޮށް، އެކަން ހުއްޓުވައި ގައުމީ ފުޓުބޯޅަ ޓީމު އަދި މާޒިޔާގެ ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ)އާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.


އިސްލާމީ މަރުކަޒު ސަރަހައްދުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދުއާކުރަން ފެށުމާއެކު އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ފުލުހުން މިއަދު ވެސް ވަނީ ހުއްޓުވައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުކުރު ނަމާދަށް ފަހު ދުއާކުރުމުގެ ނަމުގައި އެތަނުގައި ކުރިއަށް ގެންދަނީ ސިޔާސީ ހަރަކާތެއް ކަމަށެވެ. އެތަނުގައި ސިޔާސީ ހަރަކާތް ނުހިންގަން އަންގާފައި ވަނިކޮށް، އެކަން ކުރިއަށް ގެންދިޔަ މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަަހައްދުގައި ދުއާކުރަން ފެށީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަހުންނެވެ. އޭގެ ފަހުން، ވެރިކަން ބަދަލުވުމަށް އެދި ކޮންމެ ހަފުތާއަކު ވެސް ދުއާކުރާއިރު، މީގެ ކުރިން ވެސް އެ ސަރަހައްދުން ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.