މަޖިލީހުގެ މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށް ފަހު، މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީ އަކަށް މިއަދު ވަޑައިގެންފި އެވެ.


މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ބާއްވަން ވާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. އެ އަށް ފަހު އެއް މަސް ދުވަހުގެ ޗުއްޓީއެއް މެމްބަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ. އެ ޗުއްޓީ އަށް ފަހު ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ޖޫން މަހުގެ ކުރީކޮޅު އެވެ.

މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންނެވި ކަން ނުވަތަ ނޫން ކަން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އިއުލާނެއް ނުކުރައްވަ އެވެ.

އެކަމަކު، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިއަދު ބޭއްވީ މި ދައުރުގެ އެންމެ ފަހު ޖަލްސާ ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގައި ބޭއްވީ އެންމެ 13 ޖަލްސާ އެވެ. އެއީ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ދެ ޖަލްސާއަކާއި ދައުރުގެ 11 ޖަލްސާ އެވެ. މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ މީގެ ހަ ހަފުތާ ކުރިން، މާޗް 14 ގަ އެވެ. އޭގެ ފަހުން ޖަލްސާއެއް ބޭއްވީ މިއަދު އެކަންޏެވެ.

ފުރަތަމަ ދައުރުގެ ޖަލްސާތަކުގައި، މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމާއި އެންޓި ޑިފެކްޝަން ބިލްގެ އިތުރުން ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކުރި އެވެ. އެ ދެ ބިލް ފާސް ކުރުމާ ގުޅިގެން ގާނޫނީ ބޮޑު ބަހުސެއް އުފެދި، އިދިކޮޅު ފަރާތްތަކުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ނިންމީ ދެ ގާނޫނު ވެސް ބާތިލް ކުރެވެން ނެތް ކަމަށެވެ.

މަޖިލީހުގެ މެމްބަރުން ޗުއްޓީ އަށް ވަޑައިގަތަސް، މުހިންމު މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ. އެ ގޮތުން މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލާއި ތައުލީމުގެ ބިލާއި ހެއްކާ ބެހޭ ބިލްގެ މަސައްކަތް ކުރިއަށް ނުގެންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ބައެއް ބިލްތައް ދިރާސާ ކުރާކަށް އަދި ނުފަށަ އެވެ.

މަޖިލީހުގައި މެމްބަރުން އެކަށީގެންވާ މަސައްކަތެއް ނުކުރައްވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އެ ބޭފުޅުންނަށް އަމާޒުވެފަ އެވެ. މުސާރަ އާއި ކޮމެޓީ އެލަވަންސާ އެކު، މެމްބަރަކަށް މަހަކު 82،500ރ. ލިބިވަޑައިގަންނަވާއިރު، އެއީ އެބޭފުޅުންނަށް ހައްގު މުސާރައެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މަޖިލީހުގެ ޖަލްސާތަކުގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ނުދިއުމުގެ ޒިންމާ ނަގަން ޖެހޭނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ޕީޕީއެމުންނެވެ. އެއީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ ހުރިހާ ޒިންމާ އަކާ ހަވާލުވެވަޑައިގެން ހުންނެވީ މަސީހު ކަމަށް ވާތީ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެކަމަކު، ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ ޖަލްސާތައް އެކަށީގެންވާ ގޮތެއްގައި ނުބޭއްވެނީ އިދިކޮޅު މެމްބަރުންގެ ބައިވެރިވުމާ އެކު، ފާސް ކުރަން ޖެހޭ ބިލްތަކެއް ހުރުމުން ކަމަށެވެ.