އިންތިހާބުގެ މަޝްވަރާ އަށް އަދާލަތު ޕާޓީން ކޮމެޓީއެއް އެކުލަވާލައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިދިކޮޅު ޕާޓީތަކުން ބާއްވާ މަޝްވަރާތަކަށް އަދާލަތު ޕާޓީގެ ފަރާތުން ލަފާ އެރުވުމަށް ހާއްސަ ކޮމެޓީއެއް މިރޭ އެކުލަވާލައިފި އެވެ.


އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިރޭ ބޭއްވި މަޝްވަރާ މަޖިލީހުގެ ޖަލްސާގައި ނުވަ މެމްބަރުންގެ ކޮމެޓީއެއް ނަގާފައިވާ ކަމަށެވެ. އެ ކޮމެޓީގެ ބޭނުމަކީ ގުޅިފައިވާ ޕާޓީތަކުން އިންތިހާބާ ގުޅޭގޮތުން ކުރިއަށް ގެންދާ މަޝްވަރާތަކުގައި އެޕާޓީގެ ފަރާތުން ބައިވެރިވާ ބޭފުޅުންނަށް ލަފާ ދިނުން ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.

އެ ކޮމެޓީގައި ތިބެނީ ކޮން ބައެއްތޯ ސުވާލު ކުރުމުން އެޕާޓީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ކޮން ބޭފުޅުންނެއްކަން ހާމަ ނުކުރަން ނިންމާފައިވާ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އިދިކޮޅު ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން ނިންމައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ. ހަމަ އެއާއެކު އެމްޑީޕީގެ ޓިކެޓަށް ވާދަ ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވި އެވެ. ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ ގާނޫނު އަސާސީ ބުނާގޮތުން ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ޕީޕީއެމުން ބުނަމުން ދަނީ އިދިކޮޅުން އެއް ކެނޑިޑޭޓަކު ނެރުމަށް ކުރާ މަސައްކަތް ދާނީ ފަނުފުލުން ކަމަށެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ އެއް ކެންޑިޑޭޓަކު ނެރޭ ވާހަކަ އިދިކޮޅުން ދައްކަމުން އަންނައިރު، ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވުންތައް ބޮޑުވެ އެކަން އާއްމުންނާ ހަމައަށް ތިލަވެފައިވާ ކަމަށެވެ. އިދިކޮޅު އެމްޑީޕީ އަށް އެކަނި ބެލި ނަމަވެސް އެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓް ނެރުން ލަސްވާ މައްސަލައިގައި އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދު ދެމުން ޕާޓީތަކުން ބުނެފައި ވަނީ، ރައީސް ޔާމީން ބަލިކުރާނެ އިދިކޮޅު ކެންޑިޑޭޓް ހުރީ ތައްޔާރަށެވެ. ވަގުތު ޖެހުމުން އެއީ، ކޮންބޭފުޅެއް ކަން އިއުލާން ކުރާނެ ކަމަށާއި އެ ބޭފުޅަކު މިވަގުތު ހުންނެވީ ޖަލުގައިތޯ ރާއްޖޭއިތޯ ނުވަތަ ރާއްޖެ އިން ބޭރުގައިތޯ އެނގުމަކީ މިވަގުތަށް މުހިއްމު ކަމެއް ނޫން ކަމަށެވެ.