މާފަންނުއާގެއިން ދައުލަތަށް އަލަށް ނެގި ބިން ހުސްކުރަން އަންގައިފި

މާފަންނުއާގޭގެ ބިމުން ދާދިފަހުން ދައުލަތަށް ނެގި ބައިގައި ހުރި އެހެން ފަރާތްތަކުގެ މުދާ ތިން ދުވަސް ތެރޭގައި ހުސްކުރަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.


އޯކިޑްމަގާއި ފަރީދީމަގަށް ވާ ގޮތަށް އޮންނަ މާފަންނުއާގޭގެ ބިމުން ދާދިފަހުން ދައުލަތަށް ނެގީ އެ ގޯތީގެ ހުޅަނގުން އާބުރުޒު ހިނގުން (ޔުނިވާސަލް ގޯޅި) އާ ވީ ފަރާތުން 2577 އަކަފޫޓުގެ ބިމެވެ. އެ ބިން ދައުލަތަށް ނެގީ އޯކިޑްމަގާ ވީ ފަރާތުން މާފަނުންއާގޭ ބިމުން ދައުލަތަށް ކުރިން ނަގާފައި އޮތް ބައިން 3،100 އަކަފޫޓްގެ ބިމެއް މާފަންނުއާގޭ ވެރި ފަރާތަށް ދިނުމަށް ފަހު އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ސިވިލް ކޯޓު މެދުވެރިކޮށް ބަދަލު ދިނުމަށް ފަހު އާބުރުޒު ހިނގުމާ ވީ ފަރާތުން ބައެއް ދައުލަތަށް ނެގީ އެ މަގު ފުޅާ ކުރުމުގެ ގޮތުންނެވެ.

މާލޭގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ މާފަނުންއާގެ އަކީ ކުރިން 22،000 އަކަފޫޓުގެ ބިމެކެވެ. ފާތިމަތު ފަރީދުގެ ނަމުގައި އޮންނަ އެ ބިމުން މީގެ އަހަރުތަކެއް ކުރިން 12،000 އަކަފޫޓުގެ ބައެއް ވެސް ދައުލަތަށް ނެގި އެވެ. މިހާރު ސުޕްރީމް ކޯޓުގެ ކުރިމައްޗަށް ވާ ގޮތަށް އޮތް އެ ބައި އޭރު ދައުލަތަށް ނެގުމަށް ފަހު އެ ބިމަށް ކިޔަނީ ދަންޑަހެލުގެ އެވެ. މިފަހަރު އާބުރުޒު ހިނގުން ފުޅާކުރަން ނެގި ބިމުގެ ބަދަލުގައި ފާތިމަތު ފަރީދަށް ބަދަލު ދިނީ ދަންޑަހެލުގެ ކިޔާ ގޯތީގެ ބައެކެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވަނީ އާބުރުޒު ހިނގުމާ ވީ ފަޅިން ދައުލަތަށް އަލަށް ނެގި ބިމުގައި ހުރި އެހެން ފަރާތްތަކުގެ މުދާ ތިން ދުވަސް ތެރޭގައި ހުސްކުރަން ޖެހޭނެ ކަމަށެވެ. އެ މުއްދަތުގައި އެ ތަކެތި ނުގެންގޮސްފި ނަމަ ނީލަމުގައި ވިއްކާލާނެ ނުވަތަ ނައްތާލާނެ ކަމަށާއި އަދި އެތަނުގައި ހުރި އިމާރާތްތައް ވެސް ތަޅާލާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.