ޑެންގީ ކޮންޓްރޯލްކުރަން ފަރުދީ ޒިންމާ ނަގަންޖެހޭ: އެޗްޕީއޭ

ކޮންމެ އަހަރެއްގެ ވެސް މެއި/ޖޫން މަހަކީ، ރާއްޖޭގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވާ ދުވަސްވަރަކަށް ވާތީ އެކަމުން ރައްކާތެރިވާން ކޮންމެ މީހަކު ވެސް ފަރުދީ ގޮތުން މަސައްކަތްކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.


ޑެންގީއާ ބެހޭ މައުލޫމާތު ދިނުމަށް އެޗްޕީއޭގައި ބޭއްވި ބައްދަލުވުމެއްގައި، އެ އޭޖެންސީގެ މެޑިކަލް އޮފިޝަލް ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ، ޑެންގީ ކޮންޓްރޯލް ކުރަން އާއްމުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ފަރުދީ ޒިންމާ ނަގައި، މަދިރި އާލާވާ ތަންތަން ސާފުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަޒްލާ ވިދާޅުވީ ފޮގް ނުކުރާތީ، މަދިރި ނައްތާލަން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބައެއް ފަހަރު އާއްމުންނަށް ހީވެފައި އޮންނަ ކަމަށެވެ. ނަމަވެސް އެއީ، ޑެންގީ ފެތުރޭ މިންވަރު އާދަޔާ ހިލާފަށް އިތުރުވުމުން ބޭނުންކުރާ އެއްޗެއް ކަމަށާއި ފޮގްގެ ސަބަބުން މަރުވަނީ އުދުހޭ ބޮޑެތި މަދިރިތައް ކަމަށް ވިދާޅުވި އެވެ.

ބ. ތުޅާދޫގައި އުޅޭ ބިދޭސީންނަށް، ޑެންގީއާ ބެހޭ މައުލޫމާތު ދޭން ކުރިން ބޭއްވި ބައްދަލުވުމެއްގައި ބަޔަކު ބައިވެރިވަނީ

"ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ މަދިރި ކޮންޓްރޯލް ކުރަން ކުރަންޖެހޭ ކަމަކީ ފޮގް ކުރުމޭ. އެކަމަކު ފޮގް ކުރީމަ މިވާ ގޮތަކީ، އުދުހޭ ބޮޑު މަދިރިި އެކަނި މަރުވަނީ.... ސާފު ފެނުގައި އުފެދޭ މަދިރި، ކިތަންމެ ސާފު ފެން ފޮދެއް ހުއްޓަސް އޭގައި މަދިރި ފަނި އުޅޭނެ.. މާ ގިނައިން ކެމިކަލް ބޭނުންކުރަންޏާ އެއަށް މަދިރި ހޭނޭނެ. އޭރުން އޭގެ ބޭނުމެއް ނުހިފޭނެ،" ނަޒްލާ ވިދާޅުވި އެވެ.

ފޮގް ކުރުމަކީ ބަލި ފެތުރުން ވަރަށް ބޮޑަށް އާންމުވުމުން ނޫނީ ކުރާ ކަމެއް ނޫން ކަމަށް ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުގައި ޑެންގީއާ ގުޅޭ ގޮތުން ކެމްޕެއިންތައް ހިންގާފައިވާ ކަމަށެވެ. އެ ކެމްޕެއިންތަކުން ވެސް، ހީނުކުރާ ފަދަ ތަންތަނުގައި ފެން ހަރުލައި މަދިރި އުފެދިފައި ހުންނަތަން ފާހަގަކުރެވުނު ކަމަށް ވިދާޅުވި އެވެ.

"ތަށި ބަހައްޓާފައި ހުންނަ ޓްރޭގެ ދަށުގައި ވެސް ހުރޭ ބައެއް ފަހަރު މަދިރި ފަނި. ޕޮޓާއި މަސް ޓޭންކު ހުސްކޮށްފައި ބަހައްޓާފައި ހުންނަ އިރު ވެސް ހުރޭ،" ނަޒްލާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވީ، މީގެ ދެ ހަފުތާ ކުރިން ބޭއްވި މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތުގައި ވެސް، ފެން ހަރުލާ ގޮތަށް ކޮންސްޓްރަކްޝަން ސައިޓުތަކުގައި އެއްޗެހި ބަހައްޓާފައި ހުރިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށެވެ.

"..މިއީ ގޭގައި ހެދި ބޮޑުވާ އެއްޗެކޭ މިއީ. އެހެންވެ ވަރަށް ބޮޑަށް ޕާސަނަލް ވެގެން، މަދިރި ނޫފެދޭނެ ގޮތަށް މަސައްކަތް ނުކުރަންޏާ މި ބަލިން ސަލާމަތްވުމަކީ ހަމަ އުނދަގޫ ކަމެއް،" ނަޒްލާ ވިދާޅުވި އެވެ.

ޑެންގީ ފެތުރުން ކޮންޓްރޯލް ކުރަން އެޅިދާނެ މުހިއްމު ފިޔަވަޅުތައް

- މަދިރި އުފެދި އާލާވާނެ ތަންތަން ހޯދައި މަދުވެގެން ހަފުތާއަކު އެއް ފަހަރު އެ ތަންތަން ސާފުކޮށް ނައްތާލުން

- މަދިރި ހެފުމުން ސަލާމަތްވުމަށްޓަކައި ގޭތެރޭގައި މަދިރި ދުންދަނޑި، މެޓް، އަދި ކޮއިލް ފަދަ އެއްޗެހި ބޭނުން ކުރުން. ހަށިގަނޑު ނިވާވާފަދަ، ގަޔަށް ދޫ ހެދުން ލުމާއި ހުރިހާ ވަގުތެއްގައި ވެސް މަދިރި މަދަރި ރެޕެލެންޓް އުނގުޅުން

- ހުން އަންނަ ނަމަ ހަމައެކަނި ޕެރެސެޓްމޯލް ބޭނުން ކުރުން. ތިން ދުވަސް ތެރޭ ހުން ރަނގަޅު ނުވެއްޖެ ނަމަ ނުވަތަ އިތުރަށް ގޯސްވާ ކަމަށް ފާހަގަވާނަމަ ޑޮކްޓަރަށް ދެއްކުން.