ބާރުތައް އޮތީ ރައީސްގެ މުށުތެރޭގައި، ހައްގުތައް ދަނީ ނިގުޅައިގަންނަމުން: އިނގިރޭސިވިލާތް

ދައުލަތުގެ ހުރިހާ ބާރުތަކެއް ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރުގެ މުށުތެރެ އަށް ލައި އަސާސީ އެތައް ހައްގެއް ނިގުޅައިގެންފައިވާ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.


އިނގިރޭސި ސަރުކާރުން ބުރާސްފަތި ދުވަހު ނެރުނު އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ރިޕޯޓުގައި ބުނި ގޮތުގައި ރާއްޖޭގެ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ ހާލަތުގެ އިތުރުން ޝަރުއީ ނިޒާމުގެ މިނިވަންކަން މިދިޔަ އަހަރު ވަނީ އިތުރަށް ގޯސްވެފަ އެވެ.

އެ ގޮތުން ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ސިޔާސީ އަދި މަދަނީ މިނިވަންކަން ހަނިކުރުމެވެ. އޭގެ ތެރޭގައި ޑިމޮކްރެޓިކް ހަރަކާތާއި ވިސްނުމަށް އޮތް ޖާގަ ހަނިކުރަން ތަފާތު ގަވާއިދުތައް ހެދުމާއި މަގުމަތީގައި މުޒާހަރާ ނުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހިޔަނި އެޅުމާއި ނޫސްވެެރިންގެ މަސައްކަތް އަމިއްލަ އަށް ސެންސަރުކުރަން ޖެހުމާއި ޖަމިއްޔާތަކުން ހުއްދަ ނުނަގާ ބޭރުގެ އެހީ ހޯދުން މަނާކުރުން ހިމެނެ އެވެ.

"ހުރަހެއް ނެތި އާއްމުންނަށް ފާރަލުމުގެ ބާރާއި އިހުތިޔާރު ނޮވެމްބަރު މަހު ފާސްކުޅަ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުން ސަރުކާރަށް ލިބިދެ އެެވެ،" ފަރުދީ ހައްގުތަކަށް އަރައިގަތުމުގެ މިސާލަކަށް ރިޕޯޓުގައި ހިމަނާފައިވެ އެވެ.

އޮންލައިން ނޫސް، ސީއެންއެމް ހުއްޓާލަން ޖެހުނު މައްސަލައިގައި އެމްއެމްސީ ކައިރިއަށް އެއްވި ބައެއް ނޫސްވެރިން އަތުގުޅާލަނީ: ނޫސްވެރިކަމަށް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް ވެސް އިނގިރޭސިވިލާތުން ބުނި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ދެން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުން ނަގާފައި ވަނީ އެއްވެސް ހަމައެއް ލަމައެއް ނެތި ސިޔާސީ ވެރިން ހައްޔަރުކުރުމާއި އެ ނޫން ވެސް އެކިއެކި ފިޔަވަޅު އެޅުމެވެ. އެ ގޮތުން، "ބައިނަލްއަގުވާމީ ފަރާތްތަކުގެ ފާޑުކިއުން ނުހަނު ބޮޑަށް އަމާޒުވެފައިވާ ޝަރީއަތެއް މެދުވެރިކޮށް" ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމާއި ދެ ނައިބު ރައީސުން ވަކިކުރުމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުން ފާހަގަކޮށްފައިވެ އެވެ.

"އޭނާ އަކީ ރައީސް ޔާމީން 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ހައްޔަރުކުރެވުނު ނުވަތަ މަގާމުން ވަކިކުރެވުނު އެ މަނިކުފާނުގެ ސަރުކާރުގެ 11 ވަނަ އޮފިޝަލެވެ،" އަހަރަކު އެއް ފަހަރު ނެރޭ ރިޕޯޓުގެ މިދިޔަ އަހަރުގެ އަދަދުގައިވެ އެވެ.

"ދެ ހާސް ފަނަރަ ވަނަ އަހަރު ނިމުނުއިރު ސިޔާސީ އިދިކޮޅު ހުރިހާ ޕާޓީއެއްގެ ވެރިން ތިއްބެވީ ޖަލަށް ލާފަ އެވެ. ނުވަތަ ހައްޔަރުކޮށްފަ އެވެ. ނުވަތަ ތިއްބެވީ އަމިއްލަ އަށް އަރުވާލެއްވިގެންނެވެ."

މީގެ އިތުރުން، ޝަރުއީ ދާއިރާ އަށް ވެސް އިނގިރޭސި ސަރުކާރުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އެ ގޮތުން، ސުޕްރީމް ކޯޓުން ހުރިހާ ބާރެއް ޖަމާކޮށް، މަރުކަޒީ ކުރުމަށް ގާނޫނީ ވަކީލުންގެ ކަންކަން ބެލެހެއްޓުން ވެސް ބަންޑާރަ ނައިބުގެ އޮފީހުން އެ ކޯޓަށް ނަގާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ބުނީ ހަމަތަކާއި އުސޫލުތަކަށް ކޯޓުތަކުން ތަބާ ނުވުމާއި ވަކި ހަމައެއް ނެތި ދަށު ކޯޓުތަކުގެ މައްސަލަތަކުގެ ތެރެ އަށް މަތީ ކޯޓުތަކުން ވަނުން ފަދަ އދ. އިން ވެސް ކުރިން ފާހަގަކޮށްފައިވާ މައްސަލަތައް އަދިވެސް ހައްލުކޮށްފައި ނުވާ ކަމަށެވެ.

"ދެ ހާސް ފަނަރަ ވަނަ އަހަރު ނިމުނުއިރު ސިޔާސީ އިދިކޮޅު ހުރިހާ ޕާޓީއެއްގެ ވެރިން ތިއްބެވީ ޖަލަށް ލާފަ އެވެ. ނުވަތަ ހައްޔަރުކޮށްފަ އެވެ. ނުވަތަ ތިއްބެވީ އަމިއްލަ އަށް އަރުވާލެއްވިގެންނެވެ."

އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ސަމާލުވާން ޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ހިމަނާފައިވާ ރާއްޖޭން އިސްލާހުކުރަންޖެހޭ ކަންތައްތަކެއް ވެސް ރިޕޯޓުގައިވެ އެވެ. އޭގެ ތެރޭގައި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ، ތަފާތު ވިސްނުމާއި ފިކުރަށް ޖާގަ އޮތް ސިޔާސީ މާހައުލެއް ގާއިމްކުރުމާއި ހިޔާލު ފާޅުކުރުން އަދި އެއްވެ އުޅުމުގެ ހައްގު ހުޅުވާލުން އަދި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން ހިމެނެވެ. މީގެ އިތުރުން، މަރުގެ އަދަބު ތަންފީޒު ކުރަން ކުރާ މަސައްކަތް ހުއްޓާލަން ވެސް ގޮވާލާފައިވެ އެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކާއި ޑިމޮކްރެސީގެ ހާލަތު ގޯސްވަމުން ދާ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފައި މި ވަނީ ދިވެހި ސަރުކާރާއި ރާއްޖޭގެ ޝަރުއީ ދާއިރާގެ ބައެއް އިސް ފަރާތްތަކަށް އިނގިރޭސިވިލާތަށް ދަތުރު ނުކުރެވޭ ގޮތް ހަދަން ވިސްނަމުން އަންނަ ކަމަށް އެ ގައުމުން އިއުލާންކޮށްފައި ވަނިކޮށެވެ.

އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ އެހެން ވެސް ގިނަ ގައުމުތަކާއި ޖަމާއަތްތަކުން އަންނަނީ ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑު ކިއަމުންނެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލިފައިވުމާއި އަސާސީ ހައްގުތައް ގެއްލެމުން ދާ މައްސަލަ އެ ފަރާތްތަކުން ހާއްސަކޮށް ފާހަގަކުރެ އެވެ.