އަޒްހަރް ޔުނިވާސިޓީގެ ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލައިފި

މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ ސްކޮލަޝިޕްތަކަށް ކުރިމަތިލާން އެދޭ ދަރިވަރުންނަށް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން ފުރުސަތު ހުޅުވާލައިފި އެވެ.


އެ ޑިޕާޓްމަންޓުން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ އަޒްހަރް ޔުނިވާސިޓީން ހުރިހާ ހަރަދުތަކެއް ހަމަޖައްސައިދޭ 22 ސްކޮލަޝިޕަށް އަންނަ އާދިއްތަ ދުވަހާ ހަމަ އަށް ކުރިމަތިލެވޭނެ ކަމަށެވެ.

އެ ފުރުސަތަށް ކުރިމަތިލުމުގެ ޝަރުތުގެ ތެރޭގައި، ސެޕްޓެމްބަރު 15، 2018 އަށް 25 އަހަރު ފުރިފައި ނުވުމާއި ޝަހާދާ ސާނަވިއްޔާ އިން ފާސްވެފައިވުން ހިމެނެ އެވެ. އޭގެ ތެރެއިން ވެސް އަރަބިއްޔާ ސްކޫލުން ޝަހާދާ ސާނަވިއްޔާ ނިންމި ދަރިވަރެއް ނަމަ، އެއިން 65 ޕަސެންޓަށް ވުރެ މަތިން ފާސްވެފައިވުން ހިމެނެ އެވެ.

އެ ސްކޮލަޝިޕް ހާއްސަކޮށްފައިވަނީ ޝަރުއީ ދާއިރާ އިން 10 ފުރުސަތާއި އެހެނިހެން ދާއިރާތަކުން 12 ފުުރުސަތަކަށެވެ. އޭގެ ތެރޭގައި ޑޮކްޓަރުކަން ކިޔެވުމާއި އިންޖީނިއަރިން ފަދަ ދާއިރާތައް ވެސް ހިމެނެ އެވެ.

ގައުމީ ގަދަ ދިހެއް ހޮވުމަށް މިދިޔަ އަހަރު ގެނައި ބަދަލާއެކު، ޝަހާދާ ސާނަވިއްޔާގެ ދަރިވަރުންނަށް ވެސް ގައުމީ ގަދަ ދިހަކުން ޖާގަ ލިބޭނެ އެވެ. އެ ދަރިވަރުންނަށް ވެސް އަޒްހަރު ޔުނިވާސިޓީގެ ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނެ ކަމަށް ޑީއެޗްއީ އިން ބުންޏެވެ.

އަޒްހަރުން އެ ސްކޮލަޝިޕް ދެމުން އަންނަތާ 38 ވަރަކަށް އަހަރު ވެއްޖެ އެވެ. އެ ސްކޮލަޝިޕުން އެތައް ބަޔަކު ތައުލީމް ހާސިލްކޮށްފައިވާ އިރު އޭގެ ތެރެއިން ރާއްޖޭގައި ފާހަގަ ކޮށްލެވޭ ދީނީ އިލްމުވެރިން ވެސް ހިމެނެ އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުމަށް އަޒްހަރް ޔުނިވާސިޓީން އަންނަނީ ބޮޑު އެހީތެރިކަމެއް ދެމުންނެވެ. ކުރީގެ މައުހަދުއް ދިރާސާތުލް އިސްލާމިއްޔާ އުފެއްދި ފަހުން، އެ މައުހަދުގައި ކިޔަވައިދިނުމަށާއި އަރަބިއްޔާ ސްކޫލްގައި ކިޔަވައިދިނުމަށް އެ ޔުނިވާސިޓީން ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ޓީޗަރުން ފޮނުވަ އެވެ. މިހާރު ވެސް އަޒްހަރުން ފޮނުވާފައިވާ 15 ޓީޗަރުން އަރަބިއްޔާ ސްކޫލުގައި ކިޔަވައިދެމުން އެބަ ދެ އެވެ.