ވެރިކަން ވައްޓާލަން ފައިސާ ބެހި ކަމަށް ދިން ބަޔާން އަނބުރާ ގެންގޮސްފި

ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ފައިސާ ބެހި ކަމަށާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވެގެން އެ ފައިސާ، މަޖިލީހުގެ މެމްބަރުންނާ ހަވާލުކުރީ ތިމަންނާ ކަމަށް ބުނެ ފުލުހުންނަށް ހެކި ބަސް ދިން މީހަކު އޭނާގެ ބަޔާން އަނބުރާ ގެންގޮސްފި އެވެ.


ފާރިސްއާ ދެކޮޅަށް ޖެނުއަރީ 13 ގައި ހެކި ބަސް ދިން ޝިޔާމް އިބްރާހީމް ނަމަކަށް މީހަކު އޭނާގެ ބަޔާން އަނބުރާ ގެންދިޔައީ، އޭގެ ސިއްރުކަން ގެއްލިފައިވާ ކަމަށް ބުނެ އެވެ.

ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް އޭނާ ފޮނުވި ސިޓީގައި ބުނެފައިވަނީ ފުލުހުން އެދިގެން ބަޔާނެއް ދިނީ، ސިއްރު ހެކިވެރިއެއްގެ ގޮތުގައި ކަމަށެވެ. އެ ބަޔާނުގެ ސިއްރުކަން ހިފަހައްޓައި، އޭނާ އާއި އާއިލާ އަށް ރައްކާތެރިކަން ދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދިން ނަމަވެސް ބަޔާން އާއްމުވެފައިވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބަޔާން އަނބުރާ ގެންދިއުމުގެ އިތުރުން ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދޭން ވެސް އޭނާ ވަނީ އުޒުރުވެރިވެފަ އެވެ.

ޝިޔާމްގެ ބަޔާނުގައިވާ ގޮތުން ވަކި ވަޒީފާއެއް އަދާނުކުރާ، އޭނާ އަކީ 2007 ވަނަ އަހަރުން ފެށިގެން "ސިޔާސީ ގޮތުން" މައުމޫންގެ އަރިހުގައި އުޅޭ މީހެކެވެ. އެ އާއިލާގެ އެންމެންނާ ވެސް ރަހުމަތްތެރިކަން އޮންނަ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓަށް ގޮސް ދަބަހެއް ގެނެސްދޭން ފާރިސް އެދިވަޑައިގަތީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ވިލާގެ ލޯންޗަކަށް އަރައިގެން ޕެރެޑައިސް އަށް ދިއުމުން، އެ ތަނުގެ އޮފީހަކަށް އޭނާ ވައްދައި ކަޅު ދަބަހެއް ހަވާލުކުރި ކަމަށް އޭނާ ބުނެފައިވެ އެވެ.

"އެ ދަބަހުގައި ހުރީ ކޯއްޗެއްތޯ ބެލިއިރު އެއީ ގިނަ އަދަދެއްގެ ފައިސާ އެވެ. އެހާ ގިނަ އަދަދެއްގެ ފައިސާ ހުރުމުން، އެ ގުނަން ޖެހޭނެ ކަމަށް ފާރިސް އަށް ގުޅައި ބުނުމުން އެ ފައިސާ ގުނާނެ ކަމެއް ނެތް ކަމަށާއި އެ ފައިސާ ހިފައިގެން، ކުރިން ޕެރަޑައިސް އަށް ދިޔަ ލޯންޗުގައި މާލެ އައުމަށް ބުންޏެވެ،" ބަޔާނުގައިވެ އެވެ.

ޝިޔާމް ބުނި ގޮތުގައި މާލެ އައިސް އެ ފައިސާ ހަވާލުކުރީ ފާރިސް ވިދާޅުވި ގޮތަށް، ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާ އެވެ.

އޭގެ ފަހުން ވެސް ހަމަ އެ ދުވަހު، ޕެރަޑައިސް އަށް އިތުރު ދަތުރެއް ކޮށްދޭން، ފާރިސް އެދުނު ކަމަށް ޝިޔާމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ދަތުރުގައި ވެސް ޕެރެޑައިސް ރިސޯޓުގެ އޮފީހަށް ވަދެ، އޭނާއާ ހަވާލު ކުރި ފައިސާ ދަބަސް ގުނި ކަމަށާއި އޭގައި 1.2 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ހުރި ކަމަށް ބަޔާނުގައިވެ އެވެ. އެ ފައިސާ ހަވާލުކުރީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންއާ ކަމަށް ބުންޏެވެ.

"އެ ވަގުތު އަޅުގަނޑު ޝިނާން ގާތުގައި ކީއްކުރާ ފައިސާއެއްތޯ ސުވާލު ކުރުމުން މި އުޅެނީ ރައީސް ޔާމީންގެ ވެރިކަން މަޖިލިސް ތެރެއިން ވައްޓާލަން ކަމުގައި އަޅުގަނޑު ގާތުގައި ޝިނާން ބުންޏެވެ. އެ ވަގުތު، އަޅުގަނޑު އެކަމާ ހިތްހަމަނުޖެހޭ ކަމަށް ޝިނާންގެ ގާތުގައި ބުނީމެވެ،" ޝިޔާމްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އޭނާ ބުނީ އޭގެ ފަހުން ވެސް ޖަންބޯ ބޭގެއްގައި އެންދެރިމާގެ އަށް ފައިސާ ވެއްދި ކަމަށާއި އެ ފައިސާ ހިފައިގެން އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި މަސައްކަތް ކުރި އަހްމަދު ޒިޔާދު (ޒިޔައްޓެ) އާއި ބޮޑު ސިއްކަ އާއި އިންޑިއާ މީހަކު ކަމަށެވެ. އެ ފައިސާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަނެ، ގައުމުގައި ހަމަނުޖެހުމާއި ލޭ އޮހޮރުވަން ހޯދި ފައިސާއެއް ކަން ވެސް އެނގޭ ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ.

އަދި ވެރިކަން ވައްޓާލަން ކުރި މަސައްކަތްތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި އެކަމާ މެދު އޭނާ ހިތްހަމަނުޖެހޭ ކަަމަށް މައުމޫން ގާތުގައި ބުނި ކަމަށް ވެސް ޝިޔާމްގެ ބަޔާނުގައިވެ އެވެ.

ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ނެރުއްވި އަމުރަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ނެރުއްވި އަމުރެއް ކަމަށް ތުހުމަތުކޮށް ދެ ބޭފުޅުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ފެބުރުއަރީ 1 ގައި އަމުރުކުރީ، އިދިކޮޅު ފަރާތްތަކުން ހިންގި ބަޣާވާތެއްގެ ތެރެއިން ކަަމަށް ބުނެ މައުމޫނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެތެރެއިން ބައެއް ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ފަށާފައިވާއިރު، ލީކުވެގެން މިއުޅޭ ސިއްރު ބަޔާންތަކަކީ އެ ބޭފުޅުންނާ ދެކޮޅަށް ފުލުހުން ހޯދާފައިވާ ބަޔާންތަކެވެ. އެ ބަޔާންތައް ލީކުކޮށްލީ ކޮން ބައެއް ކަން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.