މިދިޔަ މަހު މީރާ މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނު

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް 1.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.


މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 1.2 ބިލިއަން ރުފިޔާއަކީ އެ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 1.6 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ލިބުނު އަދަދަށް ވުރެ ވެސް 2.8 ޕަސެންޓް އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވި ސަބަބެއްގެ ގޮތުގައި މީރާއިން ބުނީ މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމުން ޓެކްސްގެ ގޮތުގައި ލިބުނު އަދަދު އިތުރުވުމާއި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އޮންނަ މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން މީރާއިން ހޯދި މިންވަރު އިތުރުވުމެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. އެއީ 64 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނައިން ލިބުނީ އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ އެވެ. އެއީ 13 ޕަސެންޓެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 1.2 ބިލިއަން ރުފިޔާގެ ތެރެއިން 724 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 47 މިލިއަން ޑޮލަރެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވިއިރު، މިއަހަރުގެ ފުރަތަމަ ތިން މަހު އެކަނި ވެސް މީރާ މެދުވެރިކޮށް 4.99 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.