މަގުމަތީގައި ލީ ތާރަށް ހާއްސަ ކުލަ، ފުހެވޭތީ ކޮންމެ ދުވަހަކު އާ ކުރަނީ!

މަގުމަތީގެ ނިޝާންތަކުގައި ކުރިން ހުރި ރީނދޫ ކުލައިގެ ބަދަލުގައި މިހާރު ލާފައިވާ ހުދު ކުލަ އަވަހަށް ފުހެވޭތީ ބޮޑު ހޭދައެއް ކޮށްގެން ކޮންމެ ދުވަހަކު ވެސް ކުލަ އާ ކުރަން ޖެހިއްޖެ އެވެ.


ސްޕީޑު ބްރޭކަރާއި ކަފިހި ހުރަހާއި ޕާކިން ޒޯންތައް ފަދަ ތަންތަން އަންގައިދިނުމަށް އެންމެ ކުރީއްސުރެ ލާފައި ހުންނަ ރީނދޫ ކުލަ ފުހެލައި އޭގެ މަތިން ހުދު ކުލައިގެ ދަވާދު ލާން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު، ގިނަ ނިޝާންތަކުގައި ހުރި ކުލަ މިހާރު ވަނީ ފުހެވެން ފަށާފަ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރީނދޫ ކުލަ އަށް ވުރެ އަވަހަށް ހުދު ކުލަ ފުހެވޭކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ކޮންމެ ދުވަހަކު ވެސް ކުލަ އާ ކުރަން ޖެހޭ ކަމަށެވެ. ދުވާލަކު ހައެއްކަ ދަޅު ދަވާދު ބޭނުން ކުރަން ޖެހޭއިރު، ދަޅެއްގެ އަގަކީ 800ރ. ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މަގުތަކުގައި ކުލަ ލުމަށް ގާތްގަނޑަކަށް 5،000 އެއްހާ ރުފިޔާ ދުވާލަކު ހަރަދު ވާނެ އެވެ.

"މަޖީދީމަގުގައި ކުލަ ލަމުން ގޮސް ނިމޭއިރު އަނެއް ކޮޅުން ފުހެވިފައި ހުންނަނީ. އެކަމަކު މާލޭގެ މަގުތަައް އޮންނަ ގޮތުން މި ވަގުތު އެ ކަމަށް ކުރެވޭނެ ކަމެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު، ދެ ކުލައަކީ ވެސް އެއް ކުންފުންޏަކުން އުފައްދާ، އެއް ފެންވަރެއްގެ ދަވާދު ކަމަށް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ލާ ކުލަ ގިނަ ދުވަސް ވާން ދެން ހުންނަ ކަމަށާއި އޭގެ މަތިން އެހެން ދަވާދެއް ލުމަކީ ކުލަ އަވަހަށް ފުހެވެން ދިމާވާ ސަބަބެއް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"މިއީ ވެސް ހަމަ ޖަޕާނުގެ ނިޕޯން ދަވާދު. ... ރީނދޫ ކުލައިގައި ހުރޭ އޮފުކަމެއް ވެސް،" އޮފިޝަލް ވިދާޅުވި އެވެ.

ކުލަ އަވަހަށް ފުހެވޭ މައްސަލަ ނިޕޯން ކުންފުނީގެ ސަމާލުކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ގެނެސްފަ އެވެ.

އޮފިޝަލް ވިދާޅުވީ އެއީ ތާރު އަޅާފައި ހުންނަ މަގުތަކުގައި ލާން ތައްޔާރުކޮށްފައިވާ ދަވާދެއް ކަމަށާއި ގާ އަތުރާފައި ހުންނަ މަގުތަކުގައި އެ ކުލަ ލުމުން ގިނަ ދުވަހު ނުހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ. އެހެންވެ، މި ވަގުތު އޮތީ "ކުލަ ފޮހެވޭ ވަރަކުން އާ ކުރުން" ކަމަށް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި މާލޭގެ މަގުތަކުގައި ލާފައިވާ ކުލަ ބަދަލު ކުރީ ހިޔާ އެޅިފައި ނުވަތަ އަނދިރި ބައެއް މަގުތަކުގައި ހުންނަ ނިޝާންތައް ރަނގަޅަށް ނުފެންނާތީ އެވެ. އަދި ހުދު ކުލަ ލުމުން ނިޝާންތައް ދުރަށް ފެންނަން ހުރުމާ އެކު، މީހުންގެ ސަމާލުކަމަށް ބޮޑަށް އަންނަ ކަމަށް އެ ތަނުން ބުންޏެވެ.