ފަލަކީ ގޮތުން މާދަމާ މުލަރޯދަ، ހަނދު ފެންނާނެތަ؟

މިއަދަކީ ހިނގަމުން މި ދާ ޝައުބާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވާތީ، އިސްލާމީ ގިނަ ގައުމުތަކުގައި މިއަދުގެ އިރު އޮއްސުމަށް ފަހު، މި ރޭ ރޯދަ އަށް ހަނދު ބެލުން އޮންނާނެ އެވެ. ނަމަވެސް މިފަހަރު ވެސް ރޯދަ ހިފަން ފެށުމާއި ރޯދަ އަށް ފަހު އީދު ކުރުމުގައި ވެސް އިސްލާމީ ގައުމުތަކުގައި ތަފާތުތަކެއް ހުންނާނެ ކަމަށް ބެލެވެ އެވެ.


އެންމެ ފުރަތަމަ ބަލައިލަންޖެހެނީ، ހިނގަމުން މިދާ ޝައުބާން މަސް ފުރިހަމަ ވަނީ ކޮން ވަގުތަކުތޯ އެވެ. މިއަދުގެ އިރު އެރި އިރު، ޝައުބާން މަހުގެ 29 ވަނަ ދުވަހުން ބޮޑު ބައެއް ވަނީ ފާއިތުވެފަ އެވެ. އަދި ޝައުބާން މަސް އެކުގައި ފުރިހަމަ ވާނީ، ރާއްޖޭ ގަޑިން މިއަދުގެ 16:48 (ޖީއެމްޓީން 11:47)ގަ އެވެ.

އެ ވަގުތަކީ، މި ބިމުގެ ވަށައިގެން ހަނދު ދައުރު ކުރަމުން ގޮސް، ދައުރު ކުރަން ފެށި ހިސާބަށް އެނބުރި ރުޖޫއަވާ ވަގުތެވެ. ފަލަކީ އިލްމުގައި އެ ވަގުތަށް މި ކިޔަނީ ކޮންޖަންކްޝަންވާ ވަގުތެވެ. އެއީ އިރާއި ބިމާއި ހަނދު ރަހައަށް ވާ ގޮތަށް އެއް ހަމައަކަށް އަންނަ ވަގުތެވެ.

ކޮންޖަންކްޝަން ވުމާ އެކު، ހިނގަމުންދާ ހިޖްރީ މަސް ނިމި އަނެއް މަސް ފެށޭނެ އެވެ. އެއީ ގަޑި ހިނގާ އުސޫލުން ބަލާ ނަމަ، ކޮންމެ މިނެޓެއް ފުރިހަމަ ވުމަށްޓަކައި 59 ވަނަ ސިކުންތު ފުރިހަމަވުމާ އެކު އަނެއް މިނެޓްގެ ފުރަތަމަ ސިކުންތު ގުނަން ފަށާ އުސޫލުންނެވެ. ދެ މިނެޓްގެ ދެމެދަށް ވަގުތުގެ ހުސްކަމެއް ނާންނަ ފަދައިން، ހިޖްރީ މަހެއް ނިމި އަނެއް މަސް ފެށުމާ ދެމެދު ވަގުތުގެ ހުސްކަމެއް ނާންނާނެ އެވެ.

އެހެންކަމުން، މިއަދުގެ 16:48 ހިނގުމާ އެކު، 29 ދުވަސް ހަމަކޮށް ޝައުބާން މަސް ނިމި ރަމަޟާން މަހަށް ފެށުނީ އެވެ. ދެން އޮތީ ހަނދު ސާބިތު ކުރުމުގެ މައްސަލަ އެވެ. ހަނދު ސާބިތު ކުރުމުގައި އިސްލާމީ ގައުމުތަކުގައި މިހާރު އަމަލު ކުރަނީ މައިގަނޑު ދެ އުސޫލަކަށެވެ.

ފުރަތަމަ އުސޫލަކީ، ހިނގަމުންދާ ހަނދު މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެނުމެވެ. އެއީ ލޮލަށް ފެނިގެން ހަނދު ސާބިތުކުރާ ގައުމުތަކުގައި އަމަލު ކުރަމުން އަންނަ އުސޫލެވެ. ދެ ވަނަ އުސޫލަކީ، ހިނގަމުންދާ 29 ވަނަ ދުވަހުގެ އިރު އޮއްސުމުގެ ކުރިން ކޮންޖަންކްޝަން ވެފައި، އެ ދުވަހުގެ ހަނދު އޮއްސެނީ އިރު އޮއްސުމަށް ފަހުގައި ކަން ފަލަކީ ހިސާބުން ކަށަވަރު ވުމެވެ.

މި ދެ އުސޫލުން ވެސް އޭގެ ޒާތުގައި ދަލީލު ކޮށްދެނީ އެއް ކަމަކަށެވެ. އެއީ ހިނގަމުން ދިޔަ ހަނދު މަސް ނިމި އައު ހަނދު މަހެއް ފެށުނު ކަމެވެ.

މިއަދުގެ އިރު އޮއްސޭއިރު އިސްލާމީ ގައުމުތަކަށް ހަނދު ފެނުމުގެ ފުރުސަތު އޮތީ ކިހާ ވަރަކަށްތޯ ބަލާއިރު، އެންމެ އިރުމަތީ ގައުމުތަކާއި އެންމެ ހުޅަނގުގައިވާ ގައުމުތަކާ ދެމެދު ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ.

އިރާއި ހަނދާއި މި ބިން ކޮންޖަންކްޝަން ވަނީ މިއަދުގެ ޖީއެމްޓީން 11:48 ގައި ކަމަށް ވާއިރު، އެއީ އެންމެ އިރުމަތީ ބިތުގައި އޮތް އިންޑޮނޭޝިޔާ އާއި މެލޭޝިޔާ އަށް މިއަދުގެ އިރު އޮއްސުމުގެ މިނެޓްކޮޅެއް ކުރި އެވެ. ވީމާ، އެ ދެ ގައުމަށް މިއަދުގެ އިރު އޮއްސުމުގެ 1-2 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ހަމަ އެފަދައިން އުތުރުގައި އޮންނަ ތުރުކީ ވިލާތަށް މިއަދުގެ އިރު އޮއްސުމުގެ ހަތަރު މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ގަލްފުގެ ބައެއް ގައުމުތަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ އެވެ. އެހެންކަމުން މިއަދުގެ އިރު އޮއްސުމަށް ފަހު ހަނދު ފެނުމުގެ އެއްވެސް ފުރުސަތެއް އެ ގައުމަތަކަކަށް ނެތެވެ.

މި ދުވަސްކޮޅު ހަނދު ދައުރުކުރަމުންދާ މިސްރާބާއި އިރުގެ ވަށައިގެން ދުނިޔެ ބުރުޖަހަމުންދާ ގޮތަށް ބަލާއިރު، މި ރޭ ރަމަޟާން މަހަށް ހަނދު ފެނުމުގެ ފުރުސަތު ބޮޑީ ހުޅަނގު ބިތުގެ ގައުމުތަކަށާއި އީކުއޭޓަރަށް ވުރެ ދެކުނުން ވެސް ވީވަރަކަށް ހުޅަނގުގައި ހުރި ގައުމުތަކަށެވެ. އިރުމަތީ ބިތުގެ ގައުމުތަކަށާއި އީކުއޭޓަރަށް ވުރެ އުތުރުވި ވަރަކަށް ހަނދު ފެނުމުގެ ފުރުސަތު ކުޑަ އެވެ.

މިސްރުގެ ވެރިރަށް ގާހިރާއަށާއި މިސްރުގެ އެހެން ބައެއް ރަށްތަކަށް މިއަދު އިރާއި ހަނދު އޮއްސެނީ ދާދި އެކުއެކީގަ އެވެ. ނަމަވެސް މިސްރުގެ އެހެން ބައެއް ސަހަރުތަކަށް މިއަދު ހަނދު އޮއްސެނީ އިރު އޮއްސުމުގެ 2-3 މިނެޓް ފަހުންނެވެ.

ސައޫދީ އަރަބިއްޔާގެ މައްކާ އާއި މަދީނާ އަށް މިއަދުގެ ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 2 މިނެޓް ފަހުންނެވެ. ސައޫދީގެ އެންމެ ހުޅަނގުގައި އޮންނަ ޖިއްދާ އަށް ތިން މިނެޓް ފަހުން ހަނދު އޮއްސުނު ނަމަވެސް ސައޫދީގެ އިރުމަތީގައި އޮންނަ ވެރިރަށް ރިޔާޒަށް އިރާއި ހަނދު އޮއްސޭނީ އެކުއެކީގަ އެވެ.

މި ރޭ ހަނދު ފެނުމުގެ ފުރުސަތު އެންމެ ބޮޑީ އެފްރިކާގެ އެންމެ ހުޅަނގުގައި އޮތް އިސްލާމީ ގައުމުތަކަށެވެ. އެ ގޮތުން ސެނެގާލްގެ ވެރިރަށް ޑަކާރް އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 14 މިނެޓް ފަހުންނެވެ. ޓެންޒޭނިޔާގެ ދާރުއްސަލާމަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 11 މިނެޓް ފަހުންނެވެ. މަޣްރިބުގެ ވެރިރަށް ރަބާތަށާއި ކަސަބުލަންކާ އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ހަ މިނެޓް ފަހުންނެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދުގެ ހަނދު އޮއްސޭނީ އިރު އޮއްސުމަށް ފަހު އެވެ. އެންމެ އުތުރުގެ ރަށްތަކަށް މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 1-2 މިނެޓް ފަހުންނެވެ. ވެރިރަށް މާލެ އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ތިން މިނެޓް ފަހުންނެވެ. އަދި އެންމެ ދެކުނުން އައްޑޫ ގަމަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ހަތަރު މިނެޓް ފަހުންނެވެ.

އިސްލާމީ ގިނަ ގައުމުތަކުން ތަބާވަމުން އަންނަ ސައޫދީ އަރަބިއްޔާގެ ރަސްމީ ކަލަންޑަރު ކަމަށްވާ އުއްމުލް ޤުރާ ކަލަންޑަރު ކަނޑައެޅުމުގައި ގެންގުޅޭ އުސޫލަކީ، މައްކާ އަށް އެ ދުވަހުގެ އިރު އޮއްސުމުގެ ކުރިން އިރާއި ބިމާއި ހަނދު ކޮންޖަންކްޝަންވެފައި، ހަނދު އޮއްސެނީ އިރު އޮއްސުމުގެ ފަހުން ކަމަށް ވާނަމަ، ޖެހިގެން އަންނަ ދުވަހަކީ ހަނދު މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅުމެވެ. މި އުސޫލަށް ރިޢާޔަތްކޮށް އުއްމުލް ޤުރާ ކަލަންޑަރުގައި ކަނޑައަޅާފައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މެއި 16، 2018 ވާ ބުދަ ދުވަހެވެ.

ދެން އޮތީ ހަނދު ފެނުމާއި ނުފެނުމުގެ މައްސަލަ އެވެ. މި ދުވަސްކޮޅަކީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާ ދުވަސްކޮޅަކަށް ވެފައި ރާއްޖޭގެ ޖައްވުގައި ވިލާ ބޯ ދުވަސްކޮޅެކެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނާ ގޮތުގައި މިރޭގެ 8:00 އާ ހަމައަށް ވެސް ރާއްޖޭގެ އުތުރާއި މެދުތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވެ އެވެ.

އެހެންކަމުން، މިއަދުގެ އިރު އޮއްސުމަށް ފަހު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދެއްކި ކަމުގައި ވިޔަސް، ވިލާ ބޯވެއްޖެ ނަމަ ހަނދު ނުފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި އިރު އޮއްސޭ ވަގުތު، އިރާއި ހަނދާ ދެމެދު ހުންނަ ދުރުމިން ކައިރިކަމުން ވެސް ހަމަލޮލަށް ހަނދު ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ހަނދު ފެނުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ނެތެކޭ ނުބުނެވޭނެ އެވެ.