ކުރިއަށް ވުރެ ވެސް ބިލު އޮތީ ގޯސްކޮށް، އެކަށީގެންވާ ބަދަލެއް ގެނެސްފައެއް ނެތް: މީޑިއާ ކައުންސިލް

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާ ބެހޭ ބިލު އޮތީ ކުރިން ހުށަހެޅި ބިލަށް ވުރެ ގޯސްކޮށް ކަމަށާއި އެކަށީގެންވާ ބަދަލެއް ފަހުން ހުށަހެޅި ބިލަށް ގެނެސްފައި ނުވާ ކަމަށް މީޑީއާ ކައުންސިލުން މިއަދު ބުނެފި އެވެ.


މީޑީއާ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ އަލަށް ހުށަހެޅި ބިލުގައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް ހިމަނާފައި ހުއްޓަސް، އެ ކައުންސިލްގެ ކަންބޮޑުވުންތައް އިންތިހާ އަށް އެބަހުރި ކަމަށެވެ. އަދި ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ގެނެސްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީޑިއާ ކައުންސިލްގެ ނައިބު ރައީސް ޝަރީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މަޝްވަރާތަކަށް ހުއްޓުމެއް ނާންނަ ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އާސިފް ވިދާޅުވީ މިދިޔަ މާޗު މަހު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުށަހެޅުއްވި ބިލުގައި ހުރި ކަންބޮޑުވުންތައް މީޑިއާ ކައުންސިލުން ކަމާ ބެހޭ ބައެއް ބޭފުޅުންނާ ހިއްސާ ކުރި ކަމަށެވެ. އަދި ކައުންސިލްގެ އެދުމާ އެއްގޮތަށް އެ ބިލު އަނބުރާ ގެންގޮސް، ކަންބޮޑުވުންތައް ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އާސިފް ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނެތި ހުށަހެޅި ބިލެއް ކަމަށެވެ. އަލަށް ހުށަހެޅި ބިލުގައި ޖޫރިމަނާ އަދަދު ހިމަނާފައި އޮތީ ކައުންސިލުން ބޭނުންވާ އަދަދަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ ހަރުކަށިކަން އިސްނުކޮށް މަޝްވަރާ އަށް ގޮވާލަނީ މިކަން ހައްލު ކުރެވޭނެ ކަމަށް މީޑިއާ ކައުންސިލަށް ފެންނާތީ ކަމަށެވެ. އަދި ދެ ފަރާތުން ވާހަކަ ދައްކައިގެން މިކަމުގައި ކޮންމެވެސް ހައްލެއް ގެނެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަރުކަށިކޮށް މިކަން ނުނަންގަވާ، މަޑުމައިތިރި ކަމާއެކު ދެ ފަރާތުން ވާހަކައިގެން ކޮންމެވެސް ހައްލެއް ގެނޭވެނެ ކަމުގެ ޔަގީންކަން އެބައޮތް،" އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަބުރު ރައްކާތެރި ކުރުމަށް މަސައްކަތް ކުރެވެން ޖެހޭނެ ކަމަށާއި ނަމަވެސް ނޫސްވެރިކަމަށް އުނިކަމެއް ލިބޭނެ ގޮތަށް ކަންކަން މަގުފަހިވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އާސިފް ވިދާޅުވި ގޮތުގައި ބިލުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ނޫސްވެރިންނަކަށް ނޫނެވެ. އޭގެ ބަދަލުގައި ކުރެހުންތެރިން، ޅެން ހަދާ މީހުން އަދި ޑްރާމާ އާއި ފިލްމު ހަދާ މީހުންނަށް ގެއްލުންވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީޑީއާތަކާ ގުޅިގެން އުފައްދާފައިވާ ބިލު ކޮމެޓީގެ ޗެއާ އަދި ކައުންސިލް މެމްބަރު އަހުމަދު ހަމްދޫން ވިދާޅުވީ ބިލު ހުށަހެޅިއިރު، ޖޫރިމަނާ ކުޑަކުރަން ކައުންސިލުން ހުށަހެޅި އަދަދާ ގާތަށް ވެސް ކުޑަކޮށްފައި ނުވާ ކަމަށެވެ.

މީޑީއާ ކައުންސިލުން ހުށަހެޅީ ސިވިލް ސާވަންޓެއްގެ އަހަރު ދުވަހުގެ މުސާރަ އަށް ވުރެ ކުޑަ އަދަދެއް ޖޫރިމަނާ ގޮތުގައި ދެއްކުމަށް ބިލުގައި ކަނޑައެޅުމަށެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު ހަމްދޫން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ނޫސްވެރިކަން ނުކުރެވި އެންމެ ދުވަހެއް ވެސް ވޭތުވެ ދިއުމަކީ ކައުންސިލުން އެދޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ހަމްދޫން ވިދާޅުވި ގޮތުގައި އަބުރާ ބެހުނު ކަމަށް ބުނެ ނޫސްވެރިކަން ނެތިގެންދާ އުސޫލެއް ގާއިމުވުމަކީ މީޑިއާ ކައުންސިލުން އެދޭނެ ގޮތެއް ނޫނެވެ. އެހެންވެ ސަރުކާރާއި މަޖިލީހުގެ މެމްބަރުންނާ އެކު މަޝްވަރާގެ ރިވެތި އުސޫލު އިސްކޮށް، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޫސްވެރިކަން ނުކުރެވި އެންމެ ދުވަހެއް ވެސް ވޭތުވެ ދިއުމަކީ އަޅުގަނޑުމެން އެދޭ ކަމެއް ނޫން،" ހަމްދޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިލު އަންނަން ޖެހޭނީ ސަރުކާރުގެ އިދާރާތަކާ އެކު މަޝްވަރާކޮށް، ހައްލެއް ގެނެސްގެން ކަމަށެވެ. އަދި ބިލު ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ ކަމަށް ވެސް ތަޖުރިބާކާރު ނޫސްވެރިޔާ ވިދާޅުވި އެވެ.

މީޑީއާ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މީޑީއާގެ މިނިވަންކަމަށް ހުރަސް އެޅޭ ކަންތައްތަކެއް އުޅޭ ނަމަ، އެ ހުރަސްތައް ނައްތާލުމަކީ ކައުންސިލްގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި ކައުންސިލުން މަސައްކަތް ކުރާނީ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަސައްކަތް (މަޝްވަރާ) ހުއްޓާލީއެއް ނޫން. އެކަން ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި މިދިޔަ އޭޕްރީލް މަހު ނޫސްވެރިން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.

މި ބިލުގައި ބުނެފައިވާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާއްމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ އެވެ.

ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ކަނޑައަޅާފައިވާ މުއްދަތުގައި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާ އިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ޖެހެ އެވެ.