މާދަމާއަކީ މުލަ ރޯދަ ދުވަސް

މާދަމާ (މެއި 16، 2018) އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ސަރުކާރުން ދެންމެ ހަމަޖައްސައިފި އެވެ.


މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިއްވި، ރަމަޟާން މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ޝައުބާން މަހުގެ 29 ދުވަސް ހަމަވެ، އެ މަހުގެ 30 ވިލޭ ރޭ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ އެވެ.

އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި، ހިނގަމުން މިދާ ޝައުބާން މަސް ފުރިހަމަ ކޮށް އައު ހަނދު އުފަންވެފައިވަނީ ރާއްޖޭ ގަޑިން މިއަދު 16:48 (ޖީއެމްޓީން 11:48) ގައެވެ.

އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދުގެ ހަނދު އޮއްސޭނީ އިރު އޮއްސުމަށް ފަހު އެވެ. އެންމެ އުތުރުގެ ރަށްތަކަށް މިއަދު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 1-2 މިނެޓް ފަހުންނެވެ. ވެރިރަށް މާލެ އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ތިން މިނެޓް ފަހުންނެވެ. އަދި އެންމެ ދެކުނުން އައްޑޫ ގަމަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ހަތަރު މިނެޓް ފަހުންނެވެ.

މި ރޭ ހަނދު ފެނުމުގެ ފުރުސަތު އެންމެ ބޮޑީ އެފްރިކާގެ އެންމެ ހުޅަނގުގައި އޮތް އިސްލާމީ ގައުމުތަކަށެވެ. އެ ގޮތުން ސެނެގާލްގެ ވެރިރަށް ޑަކާރް އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 14 މިނެޓް ފަހުންނެވެ. ޓެންޒޭނިޔާގެ ދާރުއްސަލާމަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 11 މިނެޓް ފަހުންނެވެ. މަޣްރިބުގެ ވެރިރަށް ރަބާތަށާއި ކަސަބްލަންކާ އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ހަ މިނެޓް ފަހުންނެވެ.

އިސްލާމީ މަރުކަޒުގައި ނަމާދުކުރަނީ .-- ނިޝާން އަލީ / މިހާރު

ސައޫދީ އަރަބިއްޔާގެ މައްކާ އާއި މަދީނާ އަށް މިއަދުގެ ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 2 މިނެޓް ފަހުންނެވެ. ސައޫދީގެ އެންމެ ހުޅަނގުގައި އޮންނަ ޖިއްދާ އަށް ތިން މިނެޓް ފަހުން ހަނދު އޮއްސުނު ނަމަވެސް ސައޫދީގެ އިރުމަތީގައި އޮންނަ ވެރިރަށް ރިޔާޒަށް އިރާއި ހަނދު އޮއްސޭނީ ދާދި އެކުއެކީގަ އެވެ.

މިސްރުގެ ވެރިރަށް ގާހިރާއަށާއި މިސްރުގެ އެހެން ބައެއް ރަށްތަކަށް މިއަދު އިރާއި ހަނދު އޮއްސެނީ ދާދި އެކުއެކީގަ އެވެ. ނަމަވެސް މިސްރުގެ އެހެން ބައެއް ސަހަރުތަކަށް މިއަދު ހަނދު އޮއްސެނީ އިރު އޮއްސުމުގެ 2-3 މިނެޓް ފަހުންނެވެ.

މިއާ ޚިލާފަށް އެންމެ އިރުމަތީ ބިތުގައި އޮތް އިންޑޮނޭޝިޔާ އާއި މެލޭޝިޔާ އަށް މިއަދުގެ އިރު އޮއްސުމުގެ 1-2 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ހަމަ އެފަދައިން އުތުރުގައި އޮންނަ ތުރުކީ ވިލާތަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ހަތަރު މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ގަލްފުގެ ބައެއް ގައުމުތަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ އެވެ. އެހެންކަމުން މިއަދުގެ އިރު އޮއްސުމަށް ފަހު ހަނދު ފެނުމުގެ އެއްވެސް ފުރުސަތެއް އެ ގައުމަތަކަކަށް ނެތެވެ.