ހުޅުމާލޭގައި ވަގުތީ މިސްކިތަކާއި މަސްމާރުކޭޓެއް ހުޅުވައިފި

ރޯދަ މަހަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި ވަގުތީ މިސްކިތަކާއި ދާއިމީ މަސް މާރުކޭޓެއް އިއްޔެ ހުޅުވައިފި އެވެ.


ހުޅުމާލޭގައި އަލަށް އިމާރާތްކުރި 7،000 ފުލެޓް ހިމެނޭ "ނޭބަ ހޫޑް 2" ގައި ހެދި ވަގުތީ މިސްކިތް އިއްޔެ އަސުރު ނަމާދަށް ފަހު ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

މި ރޯދަ މަހު އެކަނި ބޭނުން ކުރަން ހެދި އެ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެއީ 400 ފިރިހެނުންނާއި 100 އަންހެނުންނަށެވެ.

މިއީ އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭގައި ހެދި ހަ ވަނަ މިސްކިތެވެ.

ހުޅުމާލޭގައި އިއްޔެ ހުޅުވި މަސް މާރުކޭޓް-- ފޮޓޯ: ޕީޕީއެމް

އަދި އިއްޔެ ވަނީ ހުޅުމާލޭ މަސް ބަނދަރުގައި މަސް މާރުކޭޓެއް ވެސް ހުޅުވައިފަ އެވެ. ހުޅުމާލޭގައި ހުޅުވި ފުރަތަމަ މަސް މާރުކޭޓް ހުޅުވައިދެއްވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ބޯޑް މެމްބަރު، އަހުމަދު ބުންޔާމީނެވެ. އެ މަސް މާރުކޭޓަށް ދީފައިވާ ނަމަކީ "ޔޫތު ސިޓީ މަސް މާރުކޭޓް" އެވެ.

އެ މަސްމާރުކޭޓުގައި ވަނީ މަސް ވިއްކަން ބަހައްޓާށާއި މަސް ކެނޑުމަށް ހާއްސަ އަށިތަކެއް ހަދާފަ އެވެ. އެއީ މަސް ވިއްކުމަށް އާންމުކޮށް މަސްވެރިންނަށް ހުޅުވާލާފައިވާ މާރުކޭޓެކެވެ.