ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެން ޖަލަށްލާ މީހުންނަށް ފައިސާގެ އެހީ ދެނީ

އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތެއްގައި ނުވަތަ ހައްގެއް ހޯދުމަށް ކުރާ މަސައްކަތެއްގެ ތެރެއިން ބަންދު ކުރާ މީހުންނަށް ފައިސާގެ އެހީ ދިނުމަށް އިދިކޮޅު އިއްތިހާދުން ނިންމައިފި އެވެ.


މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގައި ހިމެނޭ އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ ޖަލަށްލާ އިދިކޮޅު ފަރާތްތަކަށް އެހީވުމަށް "ޑިޓެއިނީ އެންޑް ވެލްފެއާ"ގެ ނަމުގައި ފަންޑެއް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ނުވަތަ ހައްގެއް ހޯދުމަށް ކުރާ މަސައްކަތެއްގައި ޖަލަށް ހުކުމްކޮށް، ނުވަތަ ބަންދުގެ މުއްދަތު ޖަހާ ހުރިހާ އެންމެންނަށް ވެސް އެ ފަންޑުގެ ދަށުން ވަކި މިންވަރަކަށް އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

އެ ގޮތުން، އެ ފަދަ ކަމެއްގައި ބައިވެރިވެގެން ހައްޔަރުކޮށް، މުއްދަތު ޖަހާ މީހެއްގެ އާއިލާ އަށް 1،000 ރުފިޔާގެ އެހީއެއް ދޭއިރު މުއްދަތު އިތުރުކޮށް، ނުވަތަ ޖަލަށް ހުކުމްކޮށްފި ނަމަ 5،000 ރުފިޔާ އާއިލާ އަށް ދޭން ވަނީ ނިންމާފަ އެވެ. އަދި މުޒާހަރާއެއް ނުވަތަ އެ ފަދަ ހަރަކާތެއްގައި އަނިޔާއެއް ލިބިއްޖެ ނަމަ، ގެއްލުމުގެ މިންވަރަށް ބަލައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިއްތިހާދުން ބުންޏެވެ.

މިއީ މަހުން މަހަށް ދޭ ފައިސާއެއް ނޫނެވެ. އެކަމަކު އިތުރަށް އެހީ ބޭނުންވާކަން ކަނޑައަޅާނީ މީހެއްގެ މައްޗަށް އަންނަ ހުކުމަކަށް ނުވަތަ ބަންދުކޮށްފައިވާ މުއްދަތަށް ބަލާފައި ކަމަށް އިދިކޮޅު އިއްތިހާދުން ބުންޏެވެ.

"މިއީ ގިނަ މީހުންނަށް ކުރަން ކެރޭނެ ކަންކަމެއް ނޫން. މިއީ އެ ބޭފުޅުން ވާ ގުރުބާނީ އަށް ބަލާފައި ވަރަށް ކުޑަ މިންވަރެއް. އަޅުގަނޑުމެން މި ދެނީ އެ ހިތްވަރުގެ އަގު ވަޒަން ކުރުމަށް ރަމްޒީ ހަދިޔާއެއް،" ތަސްމީން ވިދާޅުވި އެވެ.

ތަަސްމީން ވިދާޅުވި ގޮތުގައި ފައިސާގެ އެހީ ދޭނެ މިންވަރާއި އެހީ ދޭނެ މީހުން ކަނޑައަޅާނީ އެ ކަމަށް ހާއްސަކޮށްފައިވާ ކޮމެޓީއަކުންނެވެ. އެކަމަކު މިދިޔަ އަހަރުގެ މޭޑޭގައި ބަންދު ކުރި މީހުންގެ ތެރޭގައި އެހީ ހައްގުވާ ގާތްގަނޑަކަށް 10-15 އާ ދެމެދުގެ މީހުން ތިބިކަން އޭނާ ފާހަގަ ކުރެއްވި އެވެ.