ޑެންގީ ހުން ޖެހިގެން ކުޑަ ތިން ކުއްޖަކު އެޑްމިޓްކޮށްފި

ޑެންގީ ހުން ޖެހިގެން ކުޑަ ތިން ކުއްޖަކު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި އެވެ.


އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑެންގީ ހުން ޖެހިގެން ކުޑަ ތިން ކުއްޖަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ ލޭގެ ޕްރެޝަރު ދަށްވެ، ޝޮކެއް ޖެހިފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ކުރީ ދުވަހު ގެނައި ފަސް ދުވަހުގެ ތުއްތު ކުއްޖާ އައިސީޔޫ އިން ނުނެރިވެގެން އުޅެނިކޮށް ޑެންގީ ހުން ޖެހިގެން އަނެއްކާ ވެސް ފަސް މަހުގެ ކުއްޖަކާއި އެހެން ކުޑަ ކުއްޖަކު ގެނެސްފި،" ފައިސަލް ކުރެއްވި ޓްވީޓްގައި ވެ އެވެ.

މަދިރި ކޮންޓްރޯލް ކުރުން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސްކޮށްފަ އެވެ.

ފައިސަލް ކުރެއްވި ޓުވީޓް.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، މި ދުވަސްވަރު ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ. އެކަމަކު އާދަޔާ ހިލާފަށް އެ އަދަދުތައް އިތުރުވެއްޖެ ނަމަ އެކަން އެލާޓަށް އަންނާނެ ކަމަށް ވިދާޅުވި އެވެ.

"އާދަޔާ ހިލާފަށް އިތުރުވެއްޖެނަމަ، އަޅުގަނޑުމެންނާ ހަމައަށް އެލާޓް އަންނާނެ. އެކަމަކު ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވިއަސް އަދި އެލާޓަކަށް ނާދޭ،" އަފްއާލް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި/ޖޫން މަހަކީ، ރާއްޖޭގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވާ ދުވަސްވަރެވެ. އެހެންވެ އެކަމުން ރައްކާތެރިވާން ކޮންމެ މީހަކު ވެސް ފަރުދީ ގޮތުން މަސައްކަތް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.