ގިނަ އަދަދެއްގެ ޕާޓީ ޑްރަގާއެކު ދެ ދިވެހިން ލަންކާއިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ސްރީ ލަންކާއިން ރޭ ހައްޔަރުކޮށްފި އެވެ.


ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި 19 އަހަރާއި 25 އަހަރުގެ ދެ ދިވެހިން ހައްޔަރު ކޮށްފައި ވަނީ ދެހިވަލާގެ ނަޑިމަލައިންނެވެ. އެ މީހުންގެ ވަނަވަރެއް ހާމައެއްކޮށްފައެއް ނުވެ އެވެ.

އެ މީހުންގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ވާ އެކްސްޓަސީގެ 1,925 ގުޅަ ފެނިފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ. އެ ތަކެތީގެ އަގު ނުވަ ލައްކަ ރުފިޔާއަށް ވުރެ ބޮޑެވެ.

ލަންކާ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނީ މިއީ އެ ވައްތަރުގެ މަސްތުވާތަކެތި އެންމެ ގިނައިން އަތުލައިގެން ފަހަރު ކަމަށެވެ. ދެ ދިވެހިން އެ ތަކެތި ލަންކާ އަށް އެތެރެކޮށްފައިވަނީ ނެދަލެންޑްސް އިން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ލަންކާއަށް އެ ތަކެތި ވިއްކުމުގެ އިތުރުން އެހެން ގައުމުތަކަށް ވެސް އެ މީހުން އެ ތަކެތި ފޮނުވާ ކަމަށް ތުހުމަތު ކުރެ އެވެ. ފުލުހުންގެ ބަންދުގައި ތިބި އެ ދެ މީހުންގެ މައްސަލަ ލަންކާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.