އައްޑު އާއި ތިނަދު އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

އައްޑު އާއި ގދ. ތިނަދު އަށް މިއަދު ބޯކޮށް ވާރޭވެހި، ފެންބޮޑުވެއްޖެ އެވެ.


ފުލުހުން ބުނީ އައްޑު އަށް ވެހުނު ބޯ ވާރޭގެ ސަބަބުން ހިތަދޫގެ ދެ ގެއަކާއި ފޭދޫގެ ދެ ގެއަކަށާއި ހުޅުދޫގެ ދެ ގެއަކަށް ފެން ވަދެފައިވާ ކަމަށާއި ނަމަވެސް އެއްވެސް އެއްޗަކަށް ގެއްލުން ވެފައި ނުވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި، ހުޅުމީދޫގައި ފެން ބޮޑުވެފައިވާ ސަރަހައްދުގައި ޕަމްޕް ބޭނުން ކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ގދ. ތިނަދޫގައި ވެސް ފެން ބޮޑުވުމާ ގުޅިގެން ފުލުހުން އަންނަނީ ފެން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި، މިއަދު މެންދުރު 2:30 އިން ފެށިގެން މިރޭ 8:30 އާ ހަމައަށް ރ. އަތޮޅުން ފެށިގެން އައްޑު އަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފަ އެވެ.