މޭޑޭގައި ފުލުހަކަށް ހަމަލާދީގެން ލަބާން އާއި އިތުރު ފަސް މީހަކު ޖަލަށް ހުކުމްކޮށްފި

މިދިޔަ އަހަރުގެ މެއި އެކެއްގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއްގައި ފުލުހަކަށް ހަމަލާ ދިން ކަމުގެ ކުށް ސާބިތުވެ އީގަލްސްގެ ކުރީގެ ކީޕަރު އިބްރާހިމް ލަބާން ޝަރީފާއެކު އިތުރު ފަސް މީހަކު ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ ލަބާންގެ އިތުރުން ނާސިރާ އަލީ، އަހުމަދު އިބްރާހިމް، ފަރުހަތު އަލީ، އަބްދުﷲ ރަޝީދު މުހައްމަދު އަދި އުމަރު ޒާހިރުގެ މައްޗަށެވެ.

މި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅީ މޫސާ ޝަރުމީލް އާއި އަލީ ރަޝީދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ މެއި އެއް ވަނަ ދުވަހުގެ ރޭ 10:00 އާއި 10:30އާ ދެމެދުގެ ވަގުތެއްގައި މުޒާހަރާގެ ބައިވެރިން އިސްކަންދަރު ސްކޫލް ކައިރިން ދިޔަ ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ބިންމައްޗަށް ވައްޓާލީ ލަބާން ކަމަށެވެ. އަދި އަބްދުއްރަހްމާން ވެއްޓުމުން ދައުވާ ލިބޭ މީހުން މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ވެސް ހުކުމުގައިވެ އެވެ.

ފުލުސް މީހާއަށް ހަމަލާ ދިން ކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ހުކުމްގައިވެ އެވެ. މި މީހުންގެ މައްޗަށް ސާބިތުވީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.

މޭޑޭގެ މުޒާހަރާގައި ފުލުހެއްގެ ގައިގައި ހެލްމެޓަކުން ޖެހި މުހައްމަދު އިގުބާލްގެ މައްޗަށް މީގެ ކުރިން ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި އެ ދުވަހުގެ މުޒާހަރާގައި އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ ވަނީ 12 އަހަރަށް ޖަލަށްލައިފަ އެވެ.