ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން އަނެއްކާވެސް އަމުރު ނެރެފި

އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާމަން އަލީ ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން އަނެއްކާވެސް އަމުރެއް ނެރެފި އެވެ.


ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުު އިއުލާންކޮށްފައި ވަނިކޮށް މިދިޔަ މާޗް މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، މަގުތަކަށް މީހުން ނިކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ގޮވާލާފައިވާ މައްސަލާގަ އެވެ. އެ މައްސަލާގައި ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ފުރަތަމަ އަމުރެއް ނެރުނީ މިދިޔަ މާޗް މަހު އެވެ.

ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން ތިން ވަނަ ފަހަރަށް އަމުރު ނެރުނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އެ އަމުރުގައިވާ ގޮތުން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ނަޒީރުގެ ޕާސްޕޯޓް އޮންނާނީ ހިފަހައްޓައިފަ އެވެ.

ޕާސްޕޯޓު ހިފެހެއްޓުމާ ގުޅިގެން ނަޒީރު ކުރެއްވި ޓުވީޓް.

ފުލުހުންގެ އެދުމަކަށް ކްރިިނަލް ކޯޓުން މިފަހަރު ނެރުނު އެ އަމުރުގައިވާ ގޮތުން ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަނީ އޭނާ ފިލައިގެން ރާއްޖެއިން ބޭރަށް ދާން އުޅޭ ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާތީ އެވެ.

އެ އަމުރާ ގުޅިގެން ނަޒީރު ކުރި ޓްވީޓެއްގައި ވަނީ ތަހުގީގުގައި އިތުރު ކަމެއް ނެތް ކަމަށް ފުލުހުން އެންގިތާ ދެ މަސް ވެފައިވާ ކަމަށާއި އެފަދަ ކަންކަމުން މިހާރު އެނގިގެން ދަނީ ފުލުހުންގެ ކިބައިގައި ޕްރޮފެޝަނަލް ކަމެއް ނެތް މިންވަރު ކަމަށް އެ ޓްވީޓެއްގައިވެ އެވެ.