"މިހާރު" ނޫހާއި ވެބްސައިޓް ލޯންޗުކޮށްފި

ތިޔަ ވަދެވުނީ މުޅިން އާ ނޫހެއްގެ މުޅިން އާ ވެބްސައިޓަކަށެވެ. މިއީ "މިހާރު" އެވެ. މަރުހަބާ އެވެ.


ކުރިން "ހަވީރު"ގައި މަސައްކަތްކުރި ނޫސްވެރިންގެ މައްޗަށް ބިނާވެފައިވާ ޓީމަކުން "މިހާރު" ނޫސް ނެރެ އަދި އޭގެ މި ވެބްސައިޓް ކިއުންތެރިންނާ ހަމަ އަށް ގެނެސްދެވުނީ މާޗު 31 ގައި ސިވިލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން "ހަވީރު"ގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމުންނެވެ.

އެ ދުވަހަށް ފަހު ހަވީރު މީޑިއާ ގްރޫޕްގެ މުވައްޒަފުންގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް އުފެދުނެވެ. ކިއުންތެރިންގެ މާޔޫސްކަން ބޮޑުވި އެވެ. ރާއްޖޭގެ ނޫސްވެރިކަމުގައި "ބާގަނޑެއް" އުފެދުނު ކަމަށް އެއް ބަޔަކު ގަބޫލުކުރި އެވެ. އަދި އެނބުރި ނޫސްވެރިކަމުގެ ތެރެއަށް ވަންނާނީ ކޮން އިރަކުންތޯ، ތެދުވެރި ކިއުންތެރިން އަހަމުން ދިޔަ އެވެ.

"ހަވީރާ" ބެހޭ ގޮތުން ސިވިލް ކޯޓުގައި ކުރިއަށް ދާ މައްސަލައާ ހެދި ނޫސްވެރިކަން ހުއްޓާލައިގެން ނުތިބެ އާ ނޫހަކާއި އެންމެ މިޒަމާނުގެ ވެބްސައިޓަކާ ދިމާއަށް ދަތުރުކުރަން ނިންމީ ރާއްޖޭގެ ނޫސްވެރިކަމުގައި އަދިވެސް ޖާގަ އޮތް ކަމާއި ކިއުންތެރިންގެ އިތުބާރާއި ޔަގީންކަން ހޯދޭނެކަމުގެ އުއްމީދު ބޮޑުކަމުންނެވެ.

މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި "މިހާރު"ގެ އިނޮވޭޝަން ލެބްގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތްތަކެއްކޮށްފައިވެ އެވެ. ލޭއައުޓް ޑިޒައިން އާއި ކޯޑިންގައި ގާތްގަނޑަކަށް ކޮންމެ ދުވަހަކު 16 ގަޑިއިރު ހޭދަކުރި އެވެ.

"މިހާރު" ލޯންޗުކުރުމުގައި އެކި ދާއިރާތަކުގެ ބޭފުޅުން

"މިހާރު" ނޫހާއި ވެބްސައިޓް ދާދި ދެންމެއަކު ރަސްމީކޮށް އިފްތިތާހުކުރީ ޗަމްޕާ ސެންޓްރަލް ހޮޓެލްގަ އެވެ. މި ހަފުލާގައި ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ ބައެއް ބޭފުޅުންނާއި ކުންފުނިތަކުގެ ބައެއް ވެރިން ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން ކުޅިވަރުގެ ބައެއް ތަރިންނާއި ނޫސްވެރިން ވެސް ބައިވެރިވި އެވެ.

"މިހާރު"ގެ އެޑިޓަރަކީ ނޫސްވެރިކަމުގައި 20 އަހަރު ހޭދަކުރައްވާފައިވާ ތަޖުރިިބާކާރު ލިއުންތެރިޔާ އިސްމާއިލް ނަސީރެވެ. އޭނާގެ ފަހަތުގައި ރާއްޖޭގެ ނޫސްވެރިކަމުގެ ތަޖުރިބާކާރު އެތައް ނޫސްވެރިންނަކާއި ޒުވާން އެތައް ލިއުންތެރިން އަމަލީ ގޮތުން "މިހާރު"ގައި މަސައްކަތްކުރަން ފެށިތާ ދެ ހަފުތާ ވެއްޖެ އެވެ.

މިރޭ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ އަށް "މިހާރު" ނުކުތް ނަމަވެސް ނޫސްވެރިންގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ކުރިއަށް ވުރެ ތަފާތު ގޮތްގޮތަށް ލިއުންތައް ގެނައުމެވެ. އަދި ގައުމުގައި ހުރި މައްސަލަތަކުގެ މައްޗަށް، ވަކި އަތަކަށް ނުޖެހި ލިއުމަކީ "މިހާރު" ނޫސްވެރިންގެ އަޒުމެވެ. އެގޮތުން މިރޭ ވަނީ "މިހާރު"ގެ ކޯޑް އޮފް އެތިކްސްގައި ހުރިހާ ނޫސްވެރިން ސޮއިކޮށްފަ އެވެ.

މިދިއަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ނޫސްވެރިކަމުގެ ބައެއް އުނިވުމުގެ ޝަކުވާތަކެއް ގިނަ އަދަދެއްގެ ކިއުންތެރިން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވެ އެވެ. "މިހާރު"ގެ ނޫސްވެރިންނަށް މިއަދު ލިބޭ އެންމެ ބޮޑު އެއް ހިތްވަރަކީ އެ އުނިކަން ފިލުވައިދޭނެ ކިއުންތެރިން ތިބި ކަމެވެ.