ކެބިން ކްރޫއާ ޒުވާބުކުރި މީހުންނަށް ހަ މަސް ދުވަހުގެ ބޮޑު އަދަބެއް

މިދިޔަ ހުކުރު ދުވަހު ލ. ކައްދު އަށް ދިޔަ މޯލްޑިވިއަންގެ މަތިންދާބޯޓެއްގެ ތެރޭގައި ބޯޓުގެ ކެބިން ކުރޫއާ ޒުވާބު ކުރި މައްސަލާގައި ހައްޔަރުކުރި ތިން މީހުން ހަ މަސް ވަންދެން އެ އެއާލައިންގެ އެއްވެސް ބޯޓެއްގައި ދަތުރުކުރުން، ލ. އަތޮޅު މެޖިސްޓްރޭޓް ކޯޓުން އިއްޔެ މަނާކޮށްފި އެވެ.


ހުކުރު ދުވަހުގެ ރޭ 7:30 ގައި ކައްދު އަށް ޖެއްސި މަތިންދާބޯޓުގައި ތިބި ފަސް ފިރިހެނަކު، ކެބިން ކުރޫއާ ޒުވާބުކޮށް ހުތުރު ބަހުން މުއާމަލާތުކުރި މައްސަލާގައި ކައްދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް، އޭގެ ތެރެއިން ތިން މީހަކު ހައްޔަރުކުރި އެވެ. އެ ތިން މީހުން މޯލްޑިވިއަންގެ ބޯޓުތަކުން ދަތުރުކުރުން މަނާކުރުމަށް ފަހު ކޯޓުން ވަނީ އެ މީހުން ދޫކޮށްލައިފަ އެވެ.

ލ. އަތޮޅަށް ވައިގެ މަގުން ދަތުރުކުރަނީ މޯލްޑިވިއަން އެކަންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެ އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި އެ ތިން މީހުން ހަ މަސް ވަންދެން މޯލްޑިވިއަންގެ އެއްވެސް ފްލައިޓަކުން ދަތުރު ނުކުރުމަށާއި ތަހުގީގަށް ފުލުހުންނަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައިވެ އެވެ.

ފުލުހުން ބުނީ އެމީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.