މަހުލޫފްގެ ދެވަނަ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފި

ޖަލަށް ލާފައިވާ މަޖިލިސް މެމްބަރު އަހުމަދު މަހުލޫފަށް ކުރާ ދެ ވަނަ ދައުވާ ސާބިތުވާ ކަމަށް ކޯޓުން ދެންމެއަކު ނިންމައިފި އެވެ. އެކަމަކު، އޭނާ އަށް ދޭނެ އަދަބެއް ކަނޑައަޅާނީ ބައި ގަޑިއިރު ފަހުންނެވެ.


ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަން ކަމަށް ބުނެ މަހްލޫފަށް ދައުވާ ކުރާއިރު، މިފަދަ އެހެން ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ވަނީ މިދިޔަ ހަފުތާގައި ހުކުމްކޮށްފަ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހުލޫފްގެ މައްޗަށް ކުރާ މި ދައުވާގައި ބުނަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ގަދަކަމުން ވަދެ، ބެރިކޭޑުތައް ކޮއްޕާ ހެދި ކަމަށެވެ. އެހެންވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލީ އެވެ.

އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނުކަން ވެސް ކުރައްވާ މަހުލޫފަށް މިދިޔަ ހޯމަ ދުވަހު ހުކުމް އިއްވީ ވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މައްސަލައެއްގަ އެވެ. އެއީ ފުލުހުންގެ ބަންދުގައި ހުރެ، ފިލަން މަސައްކަތް ކުރި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވުމުންނެވެ.

އެއީ އަހަރަކަށް ވުރެ ކުރު ހުކުމެއްކަމުން މަހުލޫފްގެ ގޮނޑިއެއް ނުގެއްލެ އެވެ. އެކަމަކު، ހުކުމުގެ މުއްދަތުގައި މަޖިލީހަކަށް ހާޒިރެއް ނުުވެވޭނެ އެވެ.