ވަގުތު އޮއްވައި އެއް ކެންޑިޑޭޓު ދައްކަން ޖެހޭ: އަލީ ހުސައިން

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، ވަގުތު އޮއްވައި އިދިކޮޅު ހުރިހާ ޕާޓީތަކުން އެއްބަސްވާ އެއް ކެންޑިޑޭޓު ދައްކަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.


ސިޔާސީ ހަތަރު ލީޑަރުން އިސްވެ އުފެއްދެވި އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ހުސައިން ވިދާޅުވީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ލީޑަރުން އެކުގައި ތިއްބެވުން ކަމަށެވެ. ރައީސް ޔާމީން ބަލިކުރުމަށް، ދެން ކުރަން ޖެހޭ ކަމަކީ ވަގުތު އޮއްވައި އެއް ކެންޑިޑޭޓަކު ދެއްކުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނެނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

އަލީ ހުސެއިން ކުރެއްވި ޓުވީޓް.

ވަގުތު އޮއްވައި އިދިކޮޅު ކެންޑިޑޭޓު ދައްކަން ޖެހޭ ކަމަށް އަލީ ހުސައިން މި ވިދާޅުވީ، ކެންޑިޑޭޓުގެ މައްސަލައިގައި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީއާ ދެމެދު ޚިޔާލުތަފާތުވުން އުފެދި އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ރައްދުކުރަން ފަށާފައި ވަނިކޮށެވެ.

އެމްޑީޕީން ބޭނުން ވަނީ، ރައީސް ޔާމީން ބަލިކުރަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރޭށެވެ. ޖުމްހޫރީ ޕާޓީން ދެކޭ ގޮތުގައި އެ ޕާޓީގެ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. މި ދެ ބޭފުޅުންނަށް އިއްވާފައިވާ ޖަލު ހުކުމާ ހެދި އިންތިހާބުގައި ވާދަކުރަން ގާނޫނީ ހުރަސްތަކެއް އެބަހުއްޓެވެ. އަދި 65 އަހަރު ވެފައި ވުމުން ވެސް ގާސިމަށް ފުރުސަތެއް ނެތެވެ.

އިދިކޮޅު ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕާޓީތަކުންނާއި ކުރީގެ ރައީސް މައުމޫންގެ މަންދޫބުން ހިމެނޭ ގޮތަށް ކޮމެޓީއެއް އެކުލަވާލައި މަޝްވަރާ ކުރި އެވެ. އެކަމަކު އެ މަޝްވަރާތަކުން މިހާތަނަށް ނަތީޖާ ހާސިލް ނުވެ އޮތީ މެދުކެނޑިފަ އެވެ. އެކަމަކު، އަދިވެސް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ބުނަމުން އަންނަނީ އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރެވޭނެ ކަމަށެވެ.