މަހްލޫފާއި ހަ މީހެއްގެ މައްޗަށް އިއްވީ ބޭއިންސާފު، ސިޔާސީ ހުކުމްތަކެއް: އެމްޑީޕީ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހަ މަސް ދުވަހަށް ޖަލަށްލުމަށާއި މިދިޔަ އަހަރުގެ މެއި އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހައްޔަރުކުރި ހަ މީހަކު ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.


އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޭޑޭ މުޒާހަރާގައި ބައިވެރިވި ހަ މީހުންނަކީ ސުލްހަވެރިކަމާއެކު ހިޔާލުފާޅުކުރަމުން ދަނިކޮށް ހައްޔަރު ކުރި ބައެއް ކަމަށެވެ. އަދި އެމީހުންގެ މައްޗަށް ހުކުމް އައީ ބަންދުގައި ބައިތިއްބާފައި ތިބޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ކަމަށް ބަޔާނުގައި ފާހަގަކުރި އެވެ.

އިންސާނީ ހައްގުތަކަށް ގޮވާލަމުން ދިޔަ ބަޔަކު ސުލްހަވެރިކަމާއެކު އެއްވެ ހިޔާލުފާޅުކުރަމުން ދަނިކޮށް ހައްޔަރުކޮށް، ހުކުމް ކުރީ ބޭއިންސާފުން ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއްގައި ފުލުހަކަށް ހަމަލާ ދިން ކަމުގެ ކުށް ސާބިތުވެ އީގަލްސްގެ ކުރީގެ ކީޕަރު އިބްރާހިމް ލަބާން ޝަރީފާއި ނާސިރާ އަލީ، އަހުމަދު އިބްރާހިމް، ފަރުހަތު އަލީ، އަބްދުﷲ ރަޝީދު މުހައްމަދު އަދި އުމަރު ޒާހިރުގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ. މި މީހުންގެ މައްޗަށް ސާބިތުވީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.

މީގެ އިތުރުން ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ކުށް ސާބިތުވެ މަހްލޫފްގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއެކު ޖުމްލަ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައުމާ ގުޅިގެން އެމްޑީޕީން ވަނީ އެކަން ވެސް ކުށްވެރިކޮށްފަ އެވެ. މީގެ ކުރިން މަހްލޫފްގެ މައްޗަށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ކުށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރި އެވެ.

އެމްޑީޕީން ތުހުމަތު ކުރި ގޮތުގައި ސަރުކާރާ ދެކޮޅަށް ކެރިގެން ހިޔާލުފާޅު ކުރަމުން ދިޔަ މަހްލޫފަށް މަތިމައްޗަށް ހުކުމް ކުރީ އިދިކޮޅު ފަރާތްތަކަށް ބިރު ދެއްކުމަށެވެ.

މަހްލޫފަކީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދަ ރައްޔިތުންނަށް ތިލަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

މަހްލޫފްގެ މައްޗަށް އިއްވި ހުކުމާއެކު ޝަރުއީ ދާއިރާ ބޭނުން ކުރަނީ ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ޑިމޮކްރަސީގެ ހާލަތު ދަށަށްދާ ދަނޑިވަޅުގައި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމާއި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހްތިރާމްކޮށް އެއްވެއުޅުމާއި ހިޔާލުފާޅުކުރުމަށް ސަރުކާރުން ޖާގަދިނުމަށް ގޮވާލައިފަ އެވެ.