ދިވެހިންގެ މިނިވަންކަން އެކި ގޮތްގޮތަށް ކޮށައި ހަނިކޮށްފި: ޖަމީލް

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ދިވެހިންގެ މިނިވަންކަން އެކި ގޮތްގޮތަށް ކޮށައި ހަނިކޮށްފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.


މިނިވަން ދުވަހުގެ މުނާސަބަތުގައި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޖަމީލު ނެރުއްވި ބަޔާނުގައި ވިދާޅުވީ 51 ވަނަ މިނިވަން ދުވަސް ފާހަގަކުރާއިރު، މިއީ ދިވެހިން ނުދެކޭ ފަދަ ހިތްދަތި އިހްސާސްތަކެއް ކުރަމުންދާ އަނދިރި ދުވަސްތަކެއް ތަހައްމަލްކުރި އަހަރެއް ކަމަށެވެ.

މިނިވަންކަން އެކި ގޮތްގޮތަށް ކޮށައި، ހަނިކޮށް އަދި ނުހައްގުން ނިގުޅައިގަނެ، ދުސްތޫރުން ކަނޑައަޅާފައިވާ ހައްގުތަކަކީ މާނައެއް ނެތް އެއްޗަކަށްކަން ދިވެހިން ގަބޫލު ކުރައްވާ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވި ގޮތުގައި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ބިޑަކާ ނުލައި ރަށްތަކާއި ފަޅުތަކާއި ބިން ކޮރަޕްޝަންގެ ތެރެއިން ނީލަން ކިޔަން ސަރުކާރުން ނިންމުމަކީ މިއަހަރު ދިވެހިންގެ ފަރުދީ އަދި އިޖްތިމާއީ މިނިވަންކަމާއި ރައްކާތެރިކަމަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ.

މީގެ އިތުރުން ނިމިގެންދިޔަ ދެ އަހަރަކީ ޝަރުއީ ކޯޓުތަކުން ދިވެހި އެތައް ބަޔަކަށް އިންސާފުން އެއްކިބާވެ ހުކުމްތައްކޮށް، އެ މީހުންގެ މިނިވަންކަން ނިގުޅައިގެންފައިވާ އަހަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކި ފަނޑިޔާރުން ބޭނުންކުރައްވައި، އިސްލާމްދީނުގެ އަސާސްއާ ހިލާފަށް ޝަރީއަތުގެ މަޖިލިސްތައް ހިންގައި ސިއްރު ހެކި ބަހުން މީހުންގެ މިނިވަންކަން ނިގުޅައިގަނެ އަނިޔާވެރިވެފައިވާކަން ފާހަގަ ކުރަނީ ފަނޑިޔާރުގެތައް ފާޅުކަން ބޮޑުކޮށް ސަރުކާރުގެ ކޮޅު ނަގައި ފަރުދުންގެ ހައްގުތަކަށް އަރަގަންނަމުންދާ ބާރުމިން ބިރުވެރިކަމާއިއެކު ފާހަގަކުރަން،" ޖަމީލު ވިދާޅުވި އެވެ.

ހަމައެއާއެކު ގާނޫނުއަސާސީން ލިބިދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމާއި ނޫސްވެރިންނަށް ދީފައިވާ މިނިވަންކަން ގެއްލޭ ގޮތަށް ނިންމަން އުޅުމަކީ މިނިވަން ދުވަހާ ދިވެހިން ކުރިމަތިލާއިރު ގެއްލޭ ހައްގުތަކަށް އިތުރުވި ބޮޅެއްގެ ގޮތުގައި ޖަމީލް ސިފަ ކުރެއްވި އެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ނޫސްވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބައެއް ނޫސްވެރިން ބުނި ގޮތުގައި މި ބިލަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.