އިއުލާން ކުރުމެއް ނެތި، ކާޑެއްދޫ އެއާޕޯޓަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތެޔޮ ގަނެފައިވޭ: އޮޑިޓް ރިޕޯޓް

އާންމުކޮށް އިއުލާން ކުރުމެއް، އެއްބަސްވުމެއް ނެތި ގދ. ކާޑެއްދޫ އެއާޕޯޓަށް 1.1 މިލިއަން ރުފިޔާގެ ތެޔޮ މިދިޔަ އަހަރު ގަނެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.


އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ޓޫރިޒަމް މިނިސްޓްރީގެ މިދިޔަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓްގައިވާ ގޮތުން، މުދަލާއި ޚިދުމަތުގެ އަގު 35،000ރ. އަށް ވުރެ ބޮޑުވާ ޕްރޮޖެކްޓެއް ހަވާލު ކުރަން ޖެހޭނީ އާންމުކޮށް އިއުލާން ކޮށްގެން ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައި އޮތަސް، ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ ކާޑެއްދޫ އެއާޕޯޓަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެޔޮ މިދިޔަ އަހަރު ގަތީ އިއުލާން ކުރުމެއް ނެތި އެވެ.

ޚިދުމަތެއް ހޯދަން ވާނީ އެކަމާ ބެހޭ އެއްބަސްވުމެއް އޮވެގެން ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައި އޮތަސް، އެކި ފަހަރު މަތިން ތެޔޮ ގަނެފައި ވަނީ އެއްބަސްވުމެއް ނެތި ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އަދި ޚިދުމަތެއް ނުވަތަ އެއްޗެއް ހޯދުމުގެ ކުރިން އެކަމުގެ ހުއްދަ ވެރިއަކު ދީ، ފޯމެއް ފުރިހަމަ ކުރަންޖެހޭނެ ގޮތަށް ގަވާއިދުގައި އޮތަސް، ތެޔޮ ގަތުމުގައި އެފަދަ ލިޔުމެއް ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި، އޮޑިޓަ ޖެނެރަލް ހަސަން ލަފާ ދެއްވާފައި ވަނީ މާލިއްޔަތު ގަވާއިދުގައި ބުނާ މިންވަރަށް ވުރެ ބޮޑު އަގުގެ މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާ ނަަމަ އާންމުކޮށް އިއުލާން ކުރުމަށެވެ. އަދި އެކަމާ ބެހޭ އެއްބަސްވުމެއް ހެދުމަށް ވެސް ލަފާދީފައި ވެ އެވެ.

މީގެ އިތުރުން، އެ ރިޕޯޓުގައި ވަނީ ކުރިން ބަޖެޓް ލިބުމަކާ ނުލައި 16 މިލިއަން ރުފިޔާ ކާޑެއްދޫ އެއާޕޯޓަށް ޚަރަދު ކޮށްފައިވާތީ އެކަން ވެސް ފާހަގަ ކޮށްފަ އެވެ. ޚިދުމަތެއް ނުވަތަ މުދަލެއް ހޯދުމުގެ ކުރިން އެކަމަށް ބޭނުންވާ ބަޖެޓް ހުރިތޯ ބެލުމަށް ފަހު، އެކަމުގެ ލިޔުމުގައި ވެރިއަކު ސޮއި ކުރުމުން ނޫނީ އެއްވެސް މުދަލަކަށް ނުވަތަ ޚިދުމަތަކަށް އޯޑަރު ދީގެން ނުވާނެ ކަމަށް މާލިއްޔަތު ގަވާއިދުގައި އޮންނައިރު، ކާޑެއްދޫ އެއާޕޯޓުގެ ކަންކަމަށް މިދިޔަ އަހަރު ޚަރަދު ކުރަމުން އައީ އެގޮތަށް ނޫން އެ ކަމަށް ރިޕޯޓުގައިވެ އެވެ.

އެހެންވެ، ކުރިން ބަޖެޓް ލިބުމަކާ ނުލައި މިދިޔަ އަހަރު 16.4 މިލިއަން ރުފިޔާ ކާޑެއްދޫ އެއާޕޯޓަށް ޚަރަދުކުރި ކަމަށާއި އެ ކަންކަމަށް ދައްކާނެ ފައިސާ ލިބެނީ މުދަލާއި ޚިދުމަތް ހޯދުމަށް ފަހު، ބިލް ލިބުމުން ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެކަން އެގޮތަށް ދިމާވީ އޮޑިޓް ރިޕޯޓިގައި ވާ ގޮތުން، ރީޖަނަލް އެއާޕޯޓްސްގެ ދަށަށް މިދިޔަ އަހަރު ކާޑެއްދޫ އެއާޕޯޓް ބަދަލު ކުރިއިރު އެތަނަށް ބޭނުންވާ ބަޖެޓް ލިބިފައި ނެތުމުންނެވެ.

މީގެ އިތުރުން، އެއާޕޯޓް ހިންގުމަށް ދުވަހުން ދުވަހަށް ބޭނުންވާ ޚަރަދުތަކަށް ވެސް ބަޖެޓް ލިބިފައި ނެތުމުން، އާމްދަނީގެ ގޮތުގައި އެތަނަށް ލިބޭ ފައިސާ ދައުލަތުގެ މާލިއްޔަތަށް ޖަމާ ނުކޮށް، ޚަރަދު ކުރަމުން ގޮސްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އޮޑިޓާ ޖެނެރަލް އަންގަވާފައި ވަނީ މުދަލެއް ނުވަތަ ޚިދުމަތެއް ހޯދުމުގެ ކުރިން އެކަމަށް ބޭނުންވާ ބަޖެޓް ހުރިތޯ ބަލައި، ވެރިއަކު ސޮއި ކުރުމުން ނޫނީ އެއްވެސް މުދަލަކަށް ނުވަތަ ޚިދުމަތަކަށް އޯޑަރު ނުދިނުމަށެވެ. އަދި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތަށް ދައުލަތުގެ ޕަބްލިކް އެކައުންޓަށް ޖަމާ ކުރަމުން ގެންދިއުމަށް ވެސް އޮޑިޓާ ޖެނެރަލް ލަފާ ދެއްވާފައިވެ އެވެ.