އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ވެސް ގައުމުތަކަށް ފެންނަން ޖެހޭ: ސަރުކާރު

އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގާ ގާނޫނާ ގަވައިދާ ޚިލާފު އަމަލުތައް ވެސް، ރާއްޖެ އަށް ހެޔޮއެދޭ، ބޭރުގެ އެކި ގައުމުތަކަށް ފެންނަން ޖެހޭ ކަމަށް ސަރުކާރުން ބުނެފި އެވެ.


ރާއްޖޭގެ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިއްޔެ ނެރުނު ބަޔާނަށް ރައްދު ދީ، ދިވެހި ސަރުކާރުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރަނގަޅު ޑިމޮކްރަސީއަކަށް އިދިކޮޅު ފަރާތްތަކުގެ ރޯލް މުހިއްމު ކަމަށެވެ. އެކަމަކު ހަމައެއާއެކު އެ ފަރާތްތަކުގެ އަމަލުތައް ވެސް ގާނޫނާ އެއްގޮތަށް ބެހެއްޓުން މުހިއްމު ކަމަށް ސަރުކާރުން ބުންޏެވެ.

ގާނޫނުއަސާސީ އާއި ގުޅުން ހުރި އެހެން ގަވައިދުތަކަށް ގޮންޖަހައި ބާއްވާ ހަރަކާތްތަކާއި މީހުންނަށް އޮޅުވާލައި، ހަލަބޮލިކަން އުފެދޭ ގޮތަށް ބާއްވާ ޕްރީ އިލެކްޝަނަކީ ޒިންމާދާރު ސިޔާސީ ހަރަކާތްތަކެއް ކަމަށް ނުބެލެވޭނެ ކަމަށް ސަރުކާރުން ބުންޏެވެ. އަދި އެ ފަދަ އަމަލުތަކަށް ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީއަށް ފުލުހުން ހުރަސް އަޅައި ބައެއް މީހުން ހައްޔަރުކުރުމުގެ ސަބަބުން ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅު އީޔޫން ނެރުނު ބަޔާނަށް ރައްދު ދީ ސަރުކާރުން ބުނީ އިދިކޮޅު ފަރާތްތަކުގެ އެ ފަދަ އަމަލުތައް ބައިނަލްްއަގްވާމީ ގައުމުތަކަށް ވެސް ފެންނަން ޖެހޭނެ ކަމަށެވެ.

އަދި މިނިވަން އިންތިހާބެއް ބޭއްވުމަށް މަގު ފަހިކޮށްދިނުމަށް ގޮވާލައި އީޔޫން ބަޔާން ނެރުމުގެ ކުރިން، އިދިކޮޅު ފަރާތްތަކުން ހިންގާ އެ ފަދަ ގާނޫނާ ހިލާފުތައް ނުކުރުމަށާއި ކުރިއަށް އޮތް އިންތިހާބު ވީހާ ވެސް އިންސާފުވެރިކޮށް، އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ބާރުއަޅައި، ހިތްވަރު ދޭން ޖެހޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ސަރުކާރުގެ ބަޔާނުގައި ބުނީ ގާނޫނުއަސާސީއާ ހިލާފަށް ބާއްވާ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ، އެއްވެ އުޅުމާއި ވާހަކަ ދެއްކުމުގެ މިނިވަން ކަމަށް އަަރައިގަތުން ކަމަކަށް ނުބެލެވޭނެ ކަމަށެވެ.

"ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކާއި މިނިވަން ދެމެހެއްޓުމަށް މި ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަމެވެ. އަދި މި ސަރުކާރުން ވެރިކަން ކުރާނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ." ބަޔާނުގައި ބުނެފައި ވެ އެވެ.

ސަރުކާރުން ވަނީ ޝަރުތުހަމަވާ ކެންޑިޑޭޓުންނަށް ފުރުސަތު ދީގެން، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ބާއްވާނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.

އީޔޫން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ފްރާންސާއި ޖަރުމަނާއި އިޓަލީ، ނެދަލޭންޑްސް، ރޮމޭނިއާ، އިނގިރޭސިވިލާތް، ކެނެޑާ އަދި އެމެރިކާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރުން، ރާއްޖޭގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށެވެ. ހާއްސަކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން މިހާރު ގާނޫނާއި ގަވާއިދުތަކަށް ބޯ ލެނބުމަކީ ފުރިހަމަވެފައިވާ ޑިމޮކްރަސީގައި އޮންނަންޖެހޭ ކަމެއް ކަމަށާއި އެއްވުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިދާރާތަކުން ފޯރުކޮށްދޭންޖެހޭ ހައްގުތަކެއް ކަމަށް ވެސް ބުންޏެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ.