މޮޅަދޫ ގޮނޑުދޮށަށް ލެއްގީ ދެ ޕެކެޓު ޑްރަގްސް، ޑޮލަރެއް ނުފެނޭ: ކައުންސިލްގެ ރައީސް

ހއ. އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އުރުނު އީރާނު ބޯޓުގައި ހުރި، މަސްތުވާ އެއްޗެހީގެ ތެރެއިން މޮޅަދޫ ގޮނޑުދޮށަށް މިއަދު ލެއްގީ ދެ ޕެކެޓު މަސްތުވާތަކެތި ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.


މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް ވިދާޅުވީ، މިއަދު ހެނދުނު ފެނުނު އެ ދެ ޕެކެޓް ފުލުހުންނާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ އެކު ގިނަ އަދަދެއްގެ ޑޮލަރު ވެސް މޮޅަދޫގެ ގޮނޑުދޮށަށް ލައްގާ ކަމަށް އެ ރަށު ކައުންސިލްގެ އެހެން މެމްބަރަކު "މިހާރު" އަށް ކުރިން ބުނި ނަމަވެސް ކައުންސިލްގެ ރައީސް ނިޝާމް އެ ވާހަކަތައް ދޮގުކުރެއްވި އެވެ.

"މި ރަށަށް އެއްވެސް ޑޮލަރެއް ލެއްގި ކަމެއް އަޅުގަނޑުމެން ކައުންސިލަކަށް އެނގިފައެއް ނެތް. ފުލުހުންނަކަށް ވެސް އެކަން އެނގިފައިވާ ކަމަކަށް ނުވޭ،" ނިޝާމް ވިދާޅުވި އެވެ.

އަށް މީހުން ތިބި އީރާނުގެ ބޯޓުގެ މައުލޫމާތު ދިވެހި ސިފައިންނަށް ލިބުމާ އެކު އެ ބޯޓުގެ މީހުން ވަނީ ބޯޓުގައި ރޯކޮށްލުމަށް ފަހު ކަނޑަށް ފުންމާލައިފަ އެވެ. ބޯޓުގެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އެ ބޯޓުގައި ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި، އެ އަތޮޅު އުލިގަމަށް ވެސް ވަނީ ލައްގައިފަ އެވެ.

ފުލުހުން ބުނީ އީރާނުގެ ބޯޓުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހުރި ކަމުގެ ނިޝާންތަކެއް ފެންނާތީ ބޯޓު ބަލައި ފާސް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރު މައުލޫމާތު މި ވަގުތު ހިއްސާ ކުރެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.