ކާފަގެ ޖަނާޒާ އަށް އަމީތު ފުރުމުގެ ހުއްދައެއް ނުދިން

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ކާފަގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ލަންކާ އަށް ވަޑައިގަތުމުގެ ހުއްދަ ކްރިމިނަލް ކޯޓާއި ފުލުހުންގެ ފަރާތުން ނުދިން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.


އަމީތުގެ ކާފަ، އަލީ މަނިކު 85، ރޭ 11:45 ގައި މަރުވީ ކޮލޮމްބޯ ސެންޓްރަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. ޖަނާޒާ އޮތީ މިރޭ އިޝާ ނަމާދަށް ފަހު ލަންކާގަ އެވެ.

އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާ، ޕީޕީއެމްގެ ކުރީގެ މެމްބަރު އަމީތު ވިދާޅުވީ ކާފަގެ ޖަނާޒާ އަށް ވަޑައިނުގެންނެވުނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ކަމަށެވެ.

އަމީތުގެ ޓުވީޓް

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ރަށްރަށުން މާލެ އަށް މީހުން އައިސް އިހްތިޖާޖު ކުރުމަށް ގޮވާލި މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ 21 ގެ ނިޔަލަށް އަމީތުގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.

ކާފަގެ ހާލު ދަށްވަމުން ދާތީ، މިދިޔަ މަހުގެ 24 ވަނަ ދުވަހު އަމީތު ވަނީ ލަންކާ އަށް ވަޑައިގަތުމުގެ ހުއްދަ އަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވަފައި އެވެ.

އަމީތު މިއަދު ވިދާޅުވީ ކާފަގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ލަންކާ އަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމަށް އެދި ކްރިމިނަލް ކޯޓާއި ފުލުހުންގެ ކިބައިގައި އެދުމުން ވެސް އެ ހުއްދަ ނުދިން ކަމަށެވެ.

އަމީތު ވިދާޅުވި ގޮތުގައި އޭނާ އށް ތުހުމަތު ކުރާ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އަދި، މި ހާލަތުގައި ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލް ނުކުރައްވާ ކަމަށް އަމީތު ވިދާޅުވި އެވެ.