ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބަދަލުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މިހާރުގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަނާކުރުމުން، އެ ދިދަ އާއި ލޯގޯ ބަދަލުކޮށްފި އެވެ.


ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން މިދިޔަ އަހަރުގެ ޖޫން މަހު އިލެކްޝަންސް ކޮމިޝަނުން މަނާކުރީ އެ ޕާޓީގެ ދިދަ އާއި ލޯގޯ އިން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ އެވެ. އެ ކޮމިޝަންގެ ނިންމުން ބާތިލް ކުރަން ޖުމްހޫރީ ޕާޓީން ކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްފަ އެވެ.

ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުންކުރުން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު މަނާކޮށްފަ އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީން އާ ދިދައަކާއި ލޯގޯއެއް އެ ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން، އެ ބޭނުން ކުރުމުގެ ހުއްދަ އިއްޔެ ދީފައިވާ ކަމަށެވެ. އެކަމަކު އާ ދިދަ އާއި ލޯގޯ ޖޭޕީން އަދި އާންމެއް ނުކުރެ އެވެ.

ދިދަ އާއި ލޯގޯ ފާސް ކުރުމުގެ ކަންތައް ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ހުއްދަ ވެސް ޖޭޕީ އަށް ދީފައިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވިއިރު، މި މަހުގެ ފަހުކޮޅު އެ ޕާޓީގެ ކޮންގްރެސް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި ޕާޓީގެ އާ ދިދަ އާއި ލޯގޯ އެ ކޮންގްރެސްގައި ފާސްކުރާނެ ކަމަށް ވެ އެވެ.

އަކްރަމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ އާ ދިދަ އާއި ލޯގޯ ކޮންގްރެސް އިން ފާސްކުރެވެންދެން، އެ ބޭނުން ކުރުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހް އަށް ގުޅުމުން ވަކި އެއްޗެއް ވިދާޅެއް ނުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދިދައިގައި ހަނދު ފަޅިއަކާއި ތަރިއެއް ހިމެނޭއިރު، ޖުމްހޫރީ ޕާޓީގެ ދިދަ އާއިި ލޯގޯގައި ވެސް ހަނދުފަޅިއަކާއި ތަރިއެއް ހިމެނެ އެވެ. ގައުމީ ދިދަ ބޭނުން ކުރުމާ ބެހޭ އުސޫލު ބުނާގޮތުން ރައީސްގެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން ފަރާތަކަށް ބޭނުމެއް ނުކުރެވޭނެ އެވެ.

ޖުމްހޫރީ ޕާޓީގެ ފުރަތަމަ ދިދަ އާއި ލޯގޯއަކީ 2008 ގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސް އިން ފާސްކޮށް، އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކުރި ދިދަ އާއި ލޯގޯ އެކެވެ. އަދި އެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން ޖުމްހޫރީ ޕާޓީން ވަނީ ވޭތުވެދިޔަ ހުރިހާ އިންތިހާބެއްގައި ކެމްޕެއިން ކޮށްފަ އެވެ.