ޓީޗަރުންނަށް ޓެބްލެޓް ބަހައި ނިންމައިފި

ސްކޫލުތައް ޑިޖިޓައިޒްކުރަން ޓީޗަރުންނަށް ދޫކުރާ ޓެބްލެޓްތައް ޓީޗަރުންނާ ހަވާލުކޮށް ނިންމައިފި އެވެ.


އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް 1-12 އަށް ކިޔަވައިދޭ 8459 ޓީޗަރުންނަށް މިދިޔަ ހަފުތާގައި ޓެބްލެޓް ހަވާލުކޮށްފައިވާ ކަމަށެވެ. ދަރިވަރުންނަށް ޓެބްލެޓް ދޭން ނިންމާފައިވަނީ، ދެ ވަނަ ޓާމުގެ ކިޔެވުން ފެށުމުންނެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ކުރިން ވިދާޅުވީ ޑިޖިޓައިޒް މަޝްރޫއަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައިކޮށް ނިންމާފައިވާ ކަމަށެވެ. ދަރިވަރުންނަށް ޓެބްލެޓް ބަހައި ދެ ވަނަ ޓާމުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ދެ ވަނަ ޓާމުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.

ޓެބްލެޓްތައް ބޭނުންކުރުމުގެ ކުރިން ޓީޗަރުން ކުރު މުއްދަތުގެ ކޯހެއް ފުރިހަމަކޮށް އެ ބޭނުންކުރާނެ ގޮތްތައް ވަނީ ދަސްކޮށްފަ އެވެ.

ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑްގެ ޓެބްލެޓެވެ. އެ މަޝްރޫއުގެ ދަށުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނަ އެވެ.

ފޮތްތަކާ އެކު މި އަހަރުގެ ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުންކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.