ހުޅަނގުގެ ބައެއް ގައުމުތަކުން މިނިވަން ދުވަހުގެ ހަފުލާގައި ބައިވެރިއެއް ނުވޭ!

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރަން ރައީސް އަބްދުﷲ ޔާމީން ރޭ ބޭއްވެވި ރަސްމީ ހަފުލާގައި އިނގިރޭސިވިލާތް (ޔޫކޭ) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެއްވެސް ގައުމަކުން ބައިވެރި ނުވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.


މިނިވަން ދުވަސް ފާހަގަކުރަން އިސްލާމީ މަރުކަޒު ސަރަހައްދުގައި ބޭއްވި ހަފުލާ އަށް އެކި ގައުމުތަކުގެ އިސް ވެރިންނާ އެކު 4،000 މީހުންނަށް ރައީސް ދައުވަތު ދެއްވި އެވެ. އޭގެ ތެރޭގައި އީޔޫގެ ބައެއް ގައުމާއި ޔޫކޭ އަދި އެމެރިކާ ހިމެނެ އެވެ. ބައެއް ގައުމުތަކުގެ މަންދޫބުންނަށް މީގެ މަހެއްހާ ދުވަސް ކުރިން ދައުވަތު ދިން އިރު އޭގެ ތެރެއިން ބައެއް ގައުމުތަކުން ނާންނާނެކަން އަންގާފައި ވަނީ ހަފުލާ ބޭއްވުމުގެ އެއް ދުވަސް ކުރިންނެވެ. އެމެރިކާ އިން ފޮނުވާފައި ވަނީ ލަންކާގައި ހުންނަ އެމްބަސީގެ ޕޮލިޓިކަލް އެފެއާޒްގެ ކައުންސެލަރެވެ. ކެނެޑާ އާއި ސްވިޒަލެންޑުން ވެސް ހަފުލާގައި ބައިވެރިއެއް ނުވެ އެވެ. އޮސްޓްރޭލިޔާ އިން ބައިވެރިވި އެވެ.

ރައީސް ޔާމީން އެރުވި މި ދައުވަތު ބައެއް ގައުމުތަކުން ގަބޫލުނުކުރީ، އެނގިފައިވާ ގޮތުގައި، "މިނިވަންކަމާއި ހައްގުތައް ސަރުކާރުން ހިފަހައްޓާތީ" ހިތްހަމަނުޖެހުންފާޅުކުރުމުގެ ގޮތުންނެވެ. އަދި ހަފުލާގައި އެ ގައުމުތަކުން ބައިވެރި ނުވީ، ހާރިޖީ ދާއިރާގެ އިސް ބޭފުޅަކު ސިފަކުރައްވާ ގޮތުގައި، "ސަރުކާރަށް މެސެޖެއް ދިނުމުގެ ގޮތުންނެ"ވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ރޭ ބޭއްވެވި ހަފުލާގައި އެމަނިކުފާނުގެ ދެކަނބަލުން -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި މި ވާހަކަ ވަނީ ދޮގު ކުރައްވައިފަ އެވެ. ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވާ ގޮތުގައި ޔޫކޭގެ ޕާލަމެންޓްރީ ގުރޫޕެއް ވެސް ރޭގެ ހަފުލާ އަށް ވަޑައިގަތެވެ.

މިނިވަން ދުވަހުގެ ހަފުލާގައި ބައިވެރި ނުވި ނަމަވެސް ޖުމްލަ 28 ގައުމު ހިމެނޭ އީޔޫ އިން ވަނީ ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ކިޔައިފަ އެވެ. އެކަމަކު އެ ތަހުނިޔާގައި ވެސް އީޔޫ އިން ސަރުކާރަށް ބާރު އަޅާފައި ވަނީ، މިނިވަންކަމާއި ހައްގުތަކަށް ޖާގަ ކަށަވަރުކޮށް ދިނުމަށެވެ.

އީޔޫ އާއި އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ އެހެން ވެސް ގިނަ ގައުމުތަކާއި ޖަމާއަތްތަކުން އަންނަނީ ރާއްޖެ އަށް ވަރަށް ބޮޑަށް ފާޑު ކިއަމުންނެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލިފައިވުމާއި އަސާސީ ހައްގުތައް ގެއްލެމުން ދާ މައްސަލަ އެ ފަރާތްތަކުން ހާއްސަކޮށް ފާހަގަކުރެ އެވެ. މިހާރު އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރަން އުޅޭތީ އެވެ. އެކަމަކު، ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ބޭރުގެ ފަރާތްތަކުން އުޅެނީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭށެވެ.