ދިދަ އާއި ލޯގޯ ބަދަލުކުރީ ކުރިއަށްދާނެ މަގެއް ނެތުމުން: ޖޭޕީ

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދިދަ އާއި ލޯގޯ ބަދަލުކުރީ ސިޔާސީ ގޮތުން ކުރިއަށް ދެވެނޭ އެއްވެސް މަގެއް ނެތުމުން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.


ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން މިދިޔަ އަހަރުގެ ޖުލައިގައި އިލެކްޝަންސް ކޮމިޝަނުން މަނާކުރީ އެ ދިދަ އާއި ލޯގޯ އިން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ އެވެ. އެ ކޮމިޝަންގެ ނިންމުން ބާތިލްކުރަން ޖުމްހޫރީ ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ އެތައް ދުވަހެއް ވީއިރު ވެސް، ހުކުމެއް ކޮށްފައެއް ނުވެ އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން "މިހާރު" އަށް ވިދާޅުވީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރަން ހުއްޓާލަން އިލެކްޝަންސް ކޮމިޝަނުން އެންގި ހިސާބުން ދިދަ އާއި ލޯގޯ ބޭނުން ކުރަމުން ނުދާ ކަމަށެވެ. އެކަމަކު، ދިދަ އާއީ ލޯގޯ ނެތި ޕާޓީގެ ކަންކަން ހިންގުން އުނދަގޫވާތީ ދިދަ އާއި ލޯގޯ ބަދަލުކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ލޯގޯ އާއި ދިދަ ބޭނުންކުރުމުގެ ހުއްދަ ޖޭޕީ އަށް އޭސީން މިހާރު ވަނީ ދީފަ އެވެ.

ހުސެން ވިދާޅުވި ގޮތުގައި ޖޭޕީއަކީ ގާނޫނާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތާނެ ޕާޓީއެކެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ އެންގުމަށް އެ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރަން ހުއްޓާލިތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަންގެ ބައެއް އަމަލުތަކާ މެދު އޭނާ މިއަދު ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން ޖޭޕީ އަށް އިލެކްޝަންސް ކޮމިޝަނުން ދޭން ޖެހޭ ފައިސާ އަދިވެސް އެއްކޮށް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޕާޓީގެ ދިދަ އާއި ލޯގޯ ބަދަލުކުރީ ކުރިއަށް ދެވޭނެ އިތުރު އެއްވެސް ގޮތެއް ނެތުމާއި ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައަށް ހައްލެއް ނުލިބުމުން ކަމަށެވެ. އެގޮތުން ސިވިލް ކޯޓާއި ސުޕްރީމް ކޯޓަށް ތިން ފަހަރެއްގެ މަތިން ސިޓީ ފޮނުވައިގެން ވެސް ޖަވާބެއް ލިބިފައި ނުވާތީ ސަމީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ޖޭޕީގެ ދިދަ އާއި ލޯގޯ މަނާކުރި ހިސާބުން އެއްވެސް ލިޔެކިޔުމެއްގައި އެ ބޭނުމެއް ނުކުރަން. ދިދަ އާއި ލޯގޯ ނެތީމަ ވަރަށް ބޮޑު އައިބުކަމެއް އަންނާނެ،" ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ ފަހުކޮޅު އޮންނަ ޖޭޕީގެ ކޮންގްރެސްގައި ޕާޓީގެ އާ ލޯގޯ އާއި ދިދައާ މެދު ގޮތެއް ނިންމާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދިދައިގައި ހަނދު ފަޅިއަކާއި ތަރިއެއް ހިމެނޭއިރު، ޖުމްހޫރީ ޕާޓީގެ ދިދަ އާއިި ލޯގޯގައި ވެސް ހަނދުފަޅިއަކާއި ތަރިއެއް ހިމެނެ އެވެ. ގައުމީ ދިދަ ބޭނުން ކުރުމާ ބެހޭ އުސޫލު ބުނާ ގޮތުން ރައީސްގެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން ފަރާތަކަށް ބޭނުމެއް ނުކުރެވޭނެ އެވެ.

ޖުމްހޫރީ ޕާޓީގެ ފުރަތަމަ ދިދަ އާއި ލޯގޯއަކީ 2008 ގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސް އިން ފާސްކޮށް، އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކުރި ދިދަ އާއި ލޯގޯއެކެވެ. އަދި އެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން ޖުމްހޫރީ ޕާޓީން ވަނީ ވޭތުވެދިޔަ ހުރިހާ އިންތިހާބެއްގައި ކެމްޕެއިން ކޮށްފަ އެވެ.