އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން އިދިކޮޅު ޕީޖީގައި މަޝްވަރާކޮށްފި

އަންނަ ސެޕްޓެމްބަރު މަހު 23ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި ރޭ މަޝްވަރާކޮށްފި އެވެ.


އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ އިދިކޮޅު ކޯލިޝަންގައި ކެންޑިޑޭޓުންގެ ވާދަވެރިކަން އޮތީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދެވެ. އެކަމަކު، މިހާތަނަށް ކުރި މަޝްވަރާތަކުން އިދިކޮޅު ފަރާތްތަކަށް އެއް ކެންޑިޑޭޓަކު ނުދެއްކެ އެވެ.

ކުނޫޒުގައި ރޭ ބޭއްވި އިދިކޮޅު ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ އަދި އެ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ރޭ ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމުގެ މުހިންމުކަމާ ގުޅޭ ގޮތުންނާއި އިދިކޮޅު ފަރާތްތަކުން ކުރިމަގުގައި ކުރަން ރާވާފައި ހުރި ކަންކަމާ ގުޅޭ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިއްސަކަށް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި، ރާއްޖެ އިން ބޭރުގައި މި ވަގުތު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ގޭބަންދުގައި ހުރި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވަނީ ސްކައިޕް މެދުވެރިކޮށް ބައިވެރިވެވަޑައިގެންފަ އެވެ.

އިދިކޮޅު މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހުރި ގޮތް އޮޅުންފިލުއްވި ކަމަށެވެ. އަދި ހުރިހާ މެމްބަރުންގެ ހިޔާލު ހުރީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުން ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

"ހުރިހާ މެމްބަރުން ގަބޫލު ކުރޭ އެއް ކެންޑިޑޭޓަކު ނެރިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން ބަލި ކުރެވޭނީ. މެމްބަރުން ބޭނުންވޭ ވީހާ ވެސް އަވަހަކަށް ކެންޑިޑޭޓަކު ނެރެން،" މެމްބަރު ވިދާޅުވި އެވެ.

"މެމްބަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އުންމީދު ކަނޑާނުލާށޭ. އިންތިޚާބަށް ނުކުންނާނީ ހުރިހާ ފަރާތްތަކެއް އެއްބަސްވެވޭ ކެންޑިޑޭޓެކޭ. އެކަމާ ޝައްކު ނުކުރަން،"

އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރުމަށް އެކުލަވާލާފައިވާ 18/19 ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު، އެ ކޮމިޓީގެ ޗެއާ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދެއްވި ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.

އެކަމަކު، އެ ކޮމިޓީން ހިއްސާ ކުރެއްވި މައުލޫމާތުތައް ހާމަ ކުރައްވަން މެމްބަރު ދެކޮޅު ހެއްދެވި އެވެ.

މީގެ އިތުރުން، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން މި މަހު ބާއްވާ ކޮންގްރެސްއާ ބެހޭ މައުލޫމާތުތައް އިދިކޮޅު މެމްބަރުންނަށް ދެއްވި ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ. އިދިކޮޅު ކޯލިޝަންގައި 40 އަށް ވުރެ ގިނަ މެމްބަރުން ތިއްބަވާ އިރު، އޭގެ ތެރެއިން ބައެއް މެމްބަރުން ތިއްބެވީ ޖަލުގަ އެވެ.

ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ރައީސް ޔާމީން ކެމްޕެއިން ފައްޓަވާފައި ވާއިރު، އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް އަދިވެސް ކޮޅެއްގައި ނުޖެހެ އެވެ.