4 ބެއިންނާ ބެހުނު މީހާގެ ދައުވާ ނެގުމުން އާއްމުން ކަންބޮޑުވެއްޖެ

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގައި އެ މީހާގެ މައްޗަށް ކުރި ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަނބުރާ ނެގުމުން އާއްމުންގެ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.


މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހައްޔަރު ކުރި އެ މީހާގެ މައްޗަށް، ދައުލަތުން ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ދައުވާކޮށްފަ އެވެ. އެކަމަކު އެ ރަށުގެ ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް ނުބާއްވަނީސް، މިދިޔަ މާޗު މަހުގެ ފަހުކޮޅު ޕީޖީން ވަނީ ދައުވާ އަނބުރާ ނަގައިފަ އެވެ. އަދި އެ މީހާ މިހާރު ހުރީ އޭނާގެ ރަށުގަ އެވެ.

އެއްބަނޑު އެއްބަފާ ހަތަރު ކުދިންނާ ބެހުމުގެ އިތުރުން، މީހަކާ އިނދެގެން އުޅޭ އަންހެނަކާ އެކި ފަހަރު މަތިން ޒިނޭ ކުރި މައްސަލައެއްގައި ވެސް އެ މީހާގެ މައްޗަށް ދައުވާ ކުރެ އެވެ.

އިތުރަށް މުރާޖައާ ކުރުމަށް ކަމަށް ބުނެ ޕީޖީން ދައުވާ އަނބުރާ ނެގުމުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، 12 އަހަރު ވާންދެން ކުޑަކުދިންތަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ އެ މީހާގެ މައްޗަށް އެއްވެސް ޝަރީއަތެއް ނުކޮށް، މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުރުމެވެ.

"އޭނާ އެހެން ދޫކޮށްލުމުން އަނެއްކާ ވެސް އެ ކުދިންނަށް އެ ލިބުނީ އިތުރު ބިރުވެރިކަމެއް. އެހެން މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމުން ހެއްކަށް ނުފޫޒު ފޯރުވާނެ. ކުދިންނަށް ބިރު ދައްކާނެ." ފޭސްބުކްގައި މީހަކު ލިޔެފައި ވެ އެވެ.

އޭނާ ބުނި ގޮތުގައި މިހާރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުރި އެ މީހާ، އިތުރު ކުދިންނަށް ގޯނާ ނުކުރާނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ. އެހެންވެ، މައްސަލައިގައި ވަކި ގޮތެއް ނިމެންދެން، އެ މީހާ ހައްޔަރުކޮށްފައި ބެހެއްޓުމަށް ވެސް ބައެއް މީހުން ގޮވާލި އެވެ.

"ކީކޭ ދެން ބުނާނީ. މި ނުލަފާ މީހާގެ ދިފާއުގައި ބަޔަކު ތިބީމައި، ނިކަމެތި އާއިލާއަކަށް އިންސާފު ނުލިބި އެ ދިޔައީ،" އެހެން މީހަކު ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި އެވެ.

މި މައްސަލައިގައި ތުހުމަތު ކުރާ މީހާ އަކީ ގދ. އަތޮޅުގެ އެ ރަށުގައި ނުފޫޒު ގަދަ ވިޔަފާރިވެރިއެކެވެ. އޭނާގެ ހުރިހާ ދަރިންހެން ވެސް މަސައްކަތް ކުރަނީ އެ ރަށުގެ ސަރުކާރު މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ކަމަށް ވެ އެވެ.

ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި މުޖުތަމައަށް ނުރައްކާތެރި މި ފަދަ މައްސަލަތަކަށް ވުރެ، ސިޔާސީ ކަންކަމުގައި މީހުންގެ މައްޗަށް ހުކުމް ކުރާލެއް އަވަހެވެ. އަދި އެ މީހާގެ މައްޗަށް ޝަރީއަތް ނުކުރުމުގައި ބައެއްގެ ނުފޫޒު ފޯރަމުންދާ ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރި އެވެ.

"ވަރަށް ވަރަށް އަސަރުކޮށްފި. އަހަރެމެން ހީކުރީ މިހާރު ތިޔަ މީހަކުގެ މައްޗަށް ދައުވާކޮށް، އޭނާ އަށް ހުކުމެއް ކޮށްފައިވާ ކަމަށް. އަސްލު ކަން ވީގޮތުން ވަރަށް ދެރަވެ ހިތާމަކުރަން،" ޕީޖީން މައްސަލަ ނެގުމުން "މިހާރު" ގައި އިއްޔެ ލިޔުނު ހަބަރަށް މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.

ހަތަރު ކުދިންނާ ބެހުމުގެ ތުހުމަތުގައި، އުމުރުން ދުވަސްވީ މީހާގެ އިތުރުން އޭނާ ގެންގުޅޭ ބިދޭސީއަކު ވެސް ހައްޔަރުކުުރި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން މިހާރު އަނެއްކާ ވެސް އޭނާ އުޅެނީ އެ ރަށުގައި ހުންނަ އޭނާގެ ފިހާރަ ހިންގުމުގަ އެވެ.

ރަށުގައި ނުފޫޒު ގަދަ ކަމަށް ބުނާ އެ މީހާ ވަނީ އެ ހަތަރު ބެއިންނާއި އެކުދިންގެ މަންމަ ދިރިއުޅޭ ގެ މަރާމާތުކޮށް، ދިރިއުޅެވޭނެ ގޮތް ހަދައިދީފަ އެވެ. އަދި އެ މީހުން ކައިބޮއި ހެދުމަށް، ދަރަންޏަށް އެއްޗެހި ނަގަނީ އެ މީހާގެ ފިހާރައިންނެވެ. ކުދިންނާ ގުޅުން ހިންގީ އެއީ ސަބަބެއް ކަމަށް ބަލައިގެން ކަމަށް އެ ކުދިން ބުނެ އެވެ.