ސިއްރު ހެކިބަސް ނަގަނީ ގާނޫނާ އެއްގޮތަށް: ފުލުހުން

އެކި ތަހުގީގުތަކަށް ފުލުހުން ސިއްރު ހެކިބަސް ނަގައި ޝަރީއަތަށް އެ ހެކިތައް ހުށަހަޅަނީ ގާނޫނާ ޚިލާފަށް ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަދަ ދައުލަތުގެ ބައެއް އިސް ބޭފުޅުންގެ ޝަރީއަތްތަކުގައި ހެކިންގެ ގޮތުގައި ސިއްރު ހެކިން ހުށަހަޅާފައި ވާތީ ގާނޫނީ ވަކީލުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އެކަން ކުރަނީ ގާނޫނުގައި ބުނެފައިވާ ހާލަތްތަކުގައި ނޫން ކަމަށް ވަކީލުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން، އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، ސިއްރު ހެކި ފުލުހުން ނަގައި ބޭނުން ކުރަމުން އަންނަނީ ގާނޫނުތަކުގައި ބުނެފައިވާ ގޮތަށް ކަމަށެވެ.

"ޖިނާއީ ތަހުގީގުތަކުގައި އަޅުގަނޑުމެން ބަލާ މިންގަނޑުތަކަކަށް. ޚާއްސަކޮށް ޖިނާއީ ތަހުގީގުތައް ކުރުމުގައި އެކަންކަމުގެ އޮނިގަނޑު ގެންގުޅޭނެ މިންތަކެއް އެބަހުރި ވަރަށް ސާފުކޮށް ކަނޑައެޅިފައި." ސުވާލު ކުރުމުގެ ފުރުސަތު ނުދީ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝިފާން ވިދާޅުވި އެވެ.

ސިއްރު ހެކިބަސް ނެގުމަކީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން ކަމަށާއި އެކަން ކުރަނީ ހެކި ދޭ މީހާގެ ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

"ހެކިބަސް ދޭ ފަރާތްތަކަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދޭން ޖެހޭ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދިނުމަކީ ފުލުހުންގެ ހައިސިއްޔަތުން ފުލުހުން ކުރަން ޖެހޭ ކަމެއް ކަމަށް ފުލުހުން ގަބޫލް ކުރަނީ،" ޝިފާން ވިދާޅުވި އެވެ.