ރައީސްގެ ދެކަނބަލުން އީދު ހަދިޔާ ބައްސަވަނީ

މާދަމާ ފާހަގަ ކުރާ މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ފަރާތްޕުޅުން އާންމު ރައްޔިތުންނަށް އީދު ހަދިޔާ ބަހަން ހަމަޖައްސައިފި އެވެ.


އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވީ، އީދު ހަދިޔާ ބަހަން ނިންމާފައިވަނީ، ރައީސްގެ ދެކަނބަލުން ބާއްވަވާ އީދު ސަލާމް ކުރެއްވުމަށް ފަހު ކަމަށެވެ. އެ ގޮތުން ކުޑަކުދިންނާއި އާއިލާތަކަށް ބޭނުން ހިފޭނެ ތަކެތި، އީދު ހަދިޔާގެ ގޮތުގައި ދިނުމަށް ތައްޔާރުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހަދިޔާ ތައްޔާރުކުރަމުން އަންނަނީ މުލިއާގޭ ތެރޭގަ އެވެ. އެ ކަމުގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި މިނިސްޓަރުންގެ އިތުރުން ސިޔާސީ އެކި ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާ ކަން ޔާމީން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އީދު ހަދިޔާ ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އިޖުތިމާއީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

މެމްބަރު ޔާމިން ކުރެއްވި ޓްވީޓް

"ރައީސްގެ ދެކަނބަލުންނާ ގުޅުން ހުރި ކަމަކަށް ވުމުން މަޖިލިސް މެމްބަރުންނާއި މިނިސްޓަރުން ވެސް އެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ. އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ ކަމެއް އެއީ. ސިޔާސީ ކަމަކާ ގުޅުން ހުރި ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ފިތުރު އީދު ދުވަހު ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވަން ހަމަޖައްސާފައިވަނީ ރަސްރަނި ބަގީޗާގައި މާދަމާ ހެނދުނު 9:00 އިން 10:00 އަށެވެ.