އިންތި، ފައިސަލް އަދި އަމީތަށް ދައުވާ ނުކުރަން ނިންމައިފި

ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ގޮވައިލި މައްސަލައިގައިި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.


އިންތި އާއި ފައިސަލާއި އަމީތުގެ މައްޗަށް ތުހުމަތު ކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ގޮވާލައި، އެ ކަމަށް ހިތްވަރު ދިން ކަމަށް ބުނެ އެވެ. އެ މައްސަލައިގައި އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ނިންމީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ތިން ބޭފުޅުންގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރު އަލީ ނަޒީރުގެ މައްޗަށް ވެސް އެ މައްސަލައިގައި ތުހުމަތު ކުރި އެވެ. އޭނާގެ މައްސަލައިގައި ޕީޖީން ގޮތެއް ނިންމިކަން ކަށަވަރެއް ނުވެ އެވެ.

އެ މައްސަލައިގައި އެ ބޭފުޅުންގެ ޕާސްޕޯޓް ވެސް ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓި އެވެ. އަދި މިހާތަނަށް ޕާސްޕޯޓް ދޫކޮށްފައިވާ ކަން ވެސް ސާފެއް ނުވެ އެވެ.