މައުމޫނާއި ދެ ފަނޑިޔާރުންނަށް ހުކުމްކުރީ ގާނޫނުތަކާ އެއްގޮތަށް: ފޮޮރިން މިނިސްޓްރީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލުމަށް އިއްޔެ ކުރި ހުކުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރި ހުކުމެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.


މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން ފޮރިން މިނިސްޓްރީން އެގޮތަށް ބުނީ އެ ހުކުމާ މެދު އިންޑިއާ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އިންޑިއާގެ ބަޔާނާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެ ތިން ބޭފުޅުންނަށް ހުކުމް ކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުުތަކާއި ޖިނާއީ އަދުލުގެ ނިޒާމުގައި އަމަލު ކުރާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓަން ކަމަށާއި ޖިނާއީ ޝަރީއަތްތައް ހިންގަނީ ގާނޫނުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ޖިނާއީ ޝަރީއަތްތައް ހިނގަމުންދަނީ ކަމާބެހޭ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތަށް ކަމުގެ ޔަގީން ކަން ދެން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

މައުމޫނަށް ކުރި ހުކުމާ މެދު ކަންބޮޑުވުން ފާޅުކޮށް އިންޑިއާ އިން މިއަދު ނެރުނު ބަޔާނުގައި ވަނީ އެމަނިކުފާނުގެ މައްޗަށް ހުކުމްކުރީ އިންސާފުވެރި ޝަރީއަތަކުން ނޫން ކަމަށާއި އެ ޝަރީއަތް ދިޔަ ގޮތުން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި އޮންނާނެ ކަމާ މެދު ވެސް ޝައްކު ކުރާ ކަމަށެވެ. އަދި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރަން ވެސް އެ އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް އިއްޔެ އިއްވި ޖަލު ހުކުމަކީ މިދިޔަ ފެބްރުއަރީ މަހު އެ ބޭފުޅުން ހައްޔަރުކޮށް، އެ ބޭފުޅުން ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލާގައި އިއްވި ހުކުމެވެ. އެ މައްސަލާގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތާ މެދު ހިތްހަމަނުޖެހިގެން ތިން ބޭފުޅުންގެ ހުރިހާ ދިފާއީ ވަކީލުން ވެސް ވަނީ ޝަރީއަތް ބޮއިކޮޓްކޮށް، އެ މައްސަލަ ދޫކޮށްލައިފަ އެވެ.

އެ މައްސަލާގެ އިތުރުން އެ ބޭފުޅުންނަށް ކުރާ ޓެރަރިޒަމްގެ ދައުވާއެއް މިހާރު ވެސް ކޯޓުގައި އެބައޮތެވެ.