ތަސްމީނާއި ހަސަން ލަތީފް އަދި ޝިދާތާ ވެސް މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގައި ހިމެނޭ ބޭފުޅުން ކަމަށްވާ އަހުމަދު ތަސްމީން އަލީ އާއި ހަސަން ލަތީފް އަދި ޝިދާތާ ޝަރީފް ވެސް މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.


މާދަމާ ރޭ 8:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އެ ތިން ބޭފުޅުންނަށް އެންގީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުންޏެވެ. އެކަމަކު ހާޒިރުވާން އަންގައި، ތަސްމީނާއި ހަސަން އަދި ޝިދާތާ އަށް މިހާރު ވަނީ ޗިޓް ފޮނުވައިފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއްގައި ޝިދާތާ ބައިވެރިވަނީ: އޭނާ ހާޒިރުކުރާ ސަބަބު ފުލުހުން ނުބުނޭ ---ފޮޓޯ/މިހާރު

ސަރުކާރަށް ފާޑު ވިދާޅުވަމުންދާ ތަސްމީނާއި ހަސަން އަދި ޝިދާތާ ފުލުސް އޮފީހަށް ހާޒިރު ކުރާއިރު، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވެސް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އޭނާ ހާޒިރުކުރާ ސަބަބެއް ވެސް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު އަތުލައިފަ އެވެ. އެކަމަކު އިއްޔެ ވަނީ ފޯނު އަނބުރާ ހަވާލުކޮށްފަ އެވެ. އޭނާގެ ފޯނު އަތުލީ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.