ފުރުސަތު ނުދޭ ނަމަ ބޭނުން ގޮތަކަށް ހުކުމް އިއްވާ: ފާރިސް

ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދޭ ނަމަ ގާޒީ ބޭނުންވާ ގޮތަކަށް ހުކުމް އިއްވުމަށް އެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސަށް ކުރާ ޝަހްސު އޮޅުވައިލުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ފާރިސް އެ ގޮތަށް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދާ ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވެފައި އޮތީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި 47 މީހުންގެ ތެރެއިން ހެކިބަސް ނަގާނެ ހެކިންނާ ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމާއި އެކަމާ މެދު ގޮތެއް ނިންމުން ކަމަށެވެ. އެކަމަކު މިއަދުގެ އަޑުއެހުމަށް ބައެއް ހެކިން ހާޒިރުކުރަން ކޯޓުން މަސައްކަތް ކުރި އެވެ.

ފާރިސް ކަންބޮޑުވުން ފާޅު ކުރެއްވީ ދިފާއީ ހެކިންނާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވުމަށް ފަހު، ވަކި ހެކިންތަކަކަށް ޗިޓް ފޮނުވަން އުޅުމުންނެވެ. އެ ގޮތަށް އަމަލު ކުރުމަކީ އޭނާގެ ހައްގުތަކަށް ކަނޑައެޅިގެން އުނިކަން އަންނަ ކަމެއް ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ހެކިބަސް ނަގަން ފެށީ އެންމެ އިސްކަން ދޭ ހެކިންގެ ނަންތައް ފާހަގަކޮށް، ކޯޓަށް އެންގުމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެންގުމުން، ހުރިހާ ހެކިންގެ ހެކިބަސް ނަގަން ބޭނުންވާ ކަމަށް ފާރިސްގެ ވަކީލުން އަންގާފައި އޮތުމުން ކަމަށެވެ. އަދި ދިފާއީ ހެކިންގެ ލިސްޓުގައި ގިނައީ މަޖިލިސް މެމްބަރުން ކަމަށްވާތީ ހެކިން ހާޒިރު ކުރަން މަސައްކަތް ކުރީ މެމްބަރުންނަށް އިސްކަން ދީގެން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ބާއްވާނެ ކަން ގާޒީ އިއުލާން ކުރެއްވި އެވެ.

އެކަމާ ގުޅިގެން ފާރިސް ވިދާޅުވީ އޭނާގެ ވަކީލުން އެގޮތަށް ކޯޓުގައި އެދުނީ އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ފަހު އެ މައްސަލައާ ގުޅިގެން ވަކީލުންނާ ބައްދަލު ކުރަން އޭނާ އަށް ފުރުސަތު ނުލިބޭތީ ކަމަށެވެ. ހުށަހަޅާފައި ތިބި ހެކިންގެ ތެރެއިން އިސްކަން ދޭ ހެކިން ފާހަގަ ކުރަން ކޯޓުން އެންގުމަށް ފަހު، ބައެއް ދިފާއީ ހެކިން މިއަދު ހާޒިރު ކުރަން މަސައްކަތް ކޮށްފައިވާތީ އެކަމުގެ ކަންބޮޮޑުވުން ފާރިސް ފާޅު ކުރެއްވި އެވެ. އަދި އިސްކަންދޭ ހެކިން ފާހަގަ ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ތަކުރާރުކޮށް، ފާރިސް ވިދާޅުވި އެވެ.

އެ މައްސަލައަކީ މިދިޔަ އަހަރުން ފެށިގެން ހިނގަމުން އަންނަ މައްސަލައެއް ކަން ފާހަގަ ކުރައްވައި، ފާރިސް ވަނީ އެ މައްސަލަ މިހާރު އަވަސް އަރުވާލައިގެން ކުރިއަށް ގެންދަނީ ކީއްވެގެންތޯ ވިދާޅުވެ، ސުވާލު ކުރައްވައިފަ އެވެ. އަދި ފުރުސަތު ނުދީ ގެންދާ ނަމަ، އޭނާ ހާޒިރު ނުކޮށް، ގާޒީ ބޭނުންފުޅުވާ ގޮތަކަށް ހުކުމް އިއްވަން ވެސް ފާރިސް އެދިވަޑައިގަތެވެ.

ގާޒީ އިބްރާހިމް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދަނީ އެކަށީގެންވާ ފުރުސަތު ދީގެން ކަމަށާއި މައްސަލަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަނީ ނޫން ކަމަށެވެ. ދިފާއީ ހެކިން ހާޒިރު ކުރަން ދައުލަތުން ދެކޮޅު ހަދާފައި ވަނިކޮށް، ދިފާއީ ހެކިބަސް ނަގަން ނިންމުމަކީ ވެސް އޭގެ ހެއްކެއް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ވަކީލުންނާ ބައްދަލު ކުރުމުގައި ހުރި ދަތިތަކަށް ބައްލަވައި، ފާރިސަށް ފުރުސަތު ދެއްވާފައިވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ފާރިސްގެ ފަރާތުން ދިފާއުގައި 47 މީހަކު ހެކިންގެ ގޮތުގައި ކުރިން ހުށަހަޅާފައިވާ އިރު، އޭގެ ތެރޭގައި ދައުލަތުގެ ވެރިންނާއި މަޖިލީހުގެ ޕީޕީއެމް އާއި އެމްޑީޕީގެ މެމްބަރުންނާއި ނޫސްވެރިން ވެސް ހިމެނެ އެވެ.

ދިފާއީ ހެކިންގެ ގޮތުގައި ޕީޕީއެމްގެ ބައެއް މެމްބަރުން ހާޒިރުކުރަން މަސައްކަތް ކުރި

ގާޒީ އިބްރާހިމް ވިދާޅުވީ ދިފާއީ ހެކިބަސް ނެގުމަށްޓަކައި މިއަދު 10 ބޭފުޅަކު ކޯޓަށް ހާޒިރު ކުރަން މަސައްކަތް ކުރެއްވި ކަމަށާއި އެކަމަކު ހާޒިރު ކުރެވުނީ އެންމެ ބޭފުޅެއް ކަމަށެވެ. މިއަދު ހާޒިރު ކުރެވުނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެކަންޏެވެ.

މިއަދު ހާޒިރު ކުރަން މަސައްކަތް ކުރި އެހެން ބޭފުޅުންގެ ނަންތައް ގާޒީ ވިދާޅުވި އިރު، އޭގެ ތެރޭގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނާއި އެ ޕާޓީގެ ނައިބު ރައީސް އަދި މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. ގާޒީ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ބައެއް ބޭފުޅުންނާ ޗިޓް ހަވާލު ނުކުރެވޭ ކަމަށާއި އަދި އަނެއް ބައި ބޭފުޅުން ހާޒިރުވާން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެކަމަކު ޗިޓް ހަވާލު ނުކުރެވުނީ އަދި ހާޒިރުވާން ދެކޮޅު ހެދީ ކޮން ބޭފުޅުންތަކެއް ކަމެއް ސާފެއް ނުވެ އެވެ.

ގާޒީ ވިދާޅުވި ގޮތުގައި ހެކިބަހަކީ އެ މީހެއްގެ އަމިއްލަ އިހްތިޔާރުގައި ދޭ އެއްޗަކަށް ވާތީ ހެކިބަސް ދޭން މަޖުބޫރެއް ނުކުރެވޭނެ އެވެ. އަދި ހެކިން ކޯޓަށް ހާޒިރު ނުވިޔަސް، ހައްޔަރު ކޮށްގެން ގެނައުން ފަދަ ފިޔަވަޅުތަކެއް ނޭޅޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން އެޑްރެސް ފަދަ މައުލޫމާތުތައް ސާފު ނުވާ އިތުރު 19 ހެއްކަކު ތިބި ކަމަށް ވިދާޅުވެ، އެ ބޭފުޅުންގެ ނަންތައް ގާޒީ ހާމަ ކުރެއްވި އިރު، ދައުލަތުގެ އިސް ވެރިން ވެސް އޭގެ ތެރޭގައި ތިއްބެވި އެވެ. އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސްގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ދިފާއީ ހެކިވެރިއެއްގެ ގޮތުގައި މެމްބަރު ރުކުމާ ހާޒިރުކުރީ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ މެމްބަރެއްގެ ގޮތުންނެވެ. ހެކިބަސް ދެމުން ރުކުމާ ވިދާޅުވީ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި އޭނާއާ އެކު މިދިޔަ އަހަރު ފާރިސް ވެސް އިންނެވި ކަމަށާއި ފާރިސް އޭރު އިންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުން ކަމަށެވެ. އަދި މިދިޔަ އަހަރު ފާރިސް ހައްޔަރު ކުރުމުން އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި، ފާރިސް އެ ކޮމެޓީ އަށް ހާޒިރު ކުރަން ނިންމި ކަމަށް ވެސް ރުކުމާ ވިދާޅުވި އެވެ. ކޮމެޓީން އެ ގޮތަށް ނިންމިޔަސް، އޭގެ ހަބަރެއް ފަހުން ނުލިބޭ ކަމަށް ރުކުމާ ވިދާޅުވި އެވެ.

ދިފާއީ ހެކިންގެ ހެކިބަސް ނަގަން ދައުލަތުން ދެކޮޅު

ފާރިސްގެ ދިފާއީ ހެކިންގެ ގޮތުގައި 47 ބޭފުޅަކު ހުށަހެޅިޔަސް، ދައުލަތުން އޮތީ އެއިން އެއްވެސް ހެއްކެއްގެ ހެކިބަސް ނަގަން ނުޖެހޭ ކަމަށް ބުނެ، އެ ކަމަށް ދެކޮޅު ހަދައިފަ އެވެ. އެކަމަކު ދިފާއީ ހެކިންގެ ހެކިބަސް ނަގަން މިއަދު ފެށުމާ ގުޅިގެން މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ އައިޝަތު ރީޝާ ވިދާޅުވީ ދިފާއީ ހެކިބަސް ނަގަން ގާޒީ ނިންމެވި ސަބަބުތައް ސާފުކޮށްދޭން އެދޭ ކަމަށެވެ.

ދިފާއީ ހެކިބަސް ނަގަން ދައުލަތުން ދެކޮޅު ހަދާފައިވާތީ ފާރިސްގެ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ ދިފާއީ ހެކިންގެ ހެކިބަސް ނަގަން ދައުލަތުން ދެކޮޅު ހަދަނީ ވަކި ކަމެއް ބޭޒާރު ވެދާނެތީ ކަމަށެވެ. އަދި ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ދައުލަތުން ކުރި އިއުތިރާޒަކީ އެއްވެސް ގާނޫނީ ހަމައެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށް ވިދާޅުވެ، އެ އިއުތިރާޒްތައް ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހްސު އޮޅުވައިލުމުގެ ދައުވާގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ