ނަމުގައި މިނިވަން ވިޔަސް، އީސީގައި ތިބީ އަޅުން: ރޮޒެއިނާ

މި އަހަރުގެ ރިޔާސީ އިންތިޚާބަކީ ނަމުގައި "މިނިވަން" އެކަމަކު ކަމުގައި "އަޅުން" ތިބެގެން ބާއްވާ އިންތިޚާބެއް ކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނަށް ރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.


ރިޔާސީ އިންތިޚާބަށް އެމްޑީޕީން ފަށާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ޖަޒީރާ ރާއްޖެ" ކެމްޕޭނަށް މާލޭގައި ތައްޔާރުކުރި އައްޑޫ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރޮޒެއިނާ ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ހިސޯރުކޮށްފައި ތިބި މުއައްސަސާތަކެއްގެ ބެލުމުގެ ދަށުން ހިންގާ ރިޔާސީ އިންތިޚާބެއް ކަމަށެވެ. އެހެންވެ، ރޮޒެއިނާ ސިފަކުރެއްވި ގޮތުގައި އިންތިޚާބު ކާމިޔާބު ކުރުމަކީ "ބޮޑު ހަނގުރާމައެއް" ކާމިޔާބު ކުރުމެކޭ އެއްފަދަ ކަމެކެވެ.

"މިނިވަން ނަމުގައި، ކަމުގައި ޣުލާމުން ތިބި މިނިވަން މުއައްސަސާތަކެއްގެ ދަށުން ހިނގާ އިންތިހާބެއް،" ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބު ސިފަކުރައްވަމުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ރިޔާސީ އިންތިޚާބަށް ނިކުންނާނީ ރައީސް އަބްދުﷲ ޔާމީން ދެއްކެވި "ދަނޑެއްގައި" ރައީސް ޔާމީން ބެހެއްޓެވި "ރެފްރީއަކާ" އެކީގަ އެވެ. އަދި "ގޯލް ދަނޑި" ކޮންމެ ހިސާބެއްގައި ބެހެއްޓިޔަސް، ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ މިނިވަން މުއައްސަސާތައް ހިސޯރުކޮށްފައި އޮތުމުން، އެތައް ބައިވަރު ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެކަމަކު އެމްޑީޕީ ސަޕޯޓަރުން ބިރު ފަހަނައަޅައި ގޮސް، އިންތިހާބާ ކުރިމަތިލާން ތައްޔާރަށް ތިބި ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދަށް ތައުރީފް ކުރައްވައި، ރޮޒެއިނާ ވިދާޅުވި ގޮތުގައި ނަޝީދު ކިތަންމެ ދުރުގައި ހުންނެވި ނަމަވެސް، އެމަނިކުފާނަކީ އެންމެ ގާތުން ކެމްޕެއިން ކުރައްވަމުން ގެންދަވާ ކެންޑިޑޭޓެވެ. ނަޝީދު ކޮންމެ ދުވަހަކު ވެސް ރައްޔިތުންނާ ބައްދަލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ރައީސް ޔާމީން ކެމްޕެއިން ކުރައްވަނީ އެހެން ބޭފުޅުން ނެރުއްވައި، ފިއްލަވައިގެން ހުންނަވައި ކަމަށް ވިދާޅުވެ، ރޮޒެއިނާ ވަނީ ރައީސް ޔާމީނަށް ފާޑުވިދާޅުވެފަ އެވެ.

އައްޑުއަކީ އެމްޑީޕީގެ ބޮޑު ކިއްލާއެއް ކަން ފާހަގަކުރައްވައި، ރޮޒެއިނާ ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ، ބޭއްވި ހުރިހާ އިންތިހާބެއްގެ މެޖޯރިޓީ ވޯޓު އައްޑޫން ނެގީ އެމްޑީޕީން ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ މެނިފެސްޓޯ ތައްޔާރުކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. މެނިފެސްޓޯ ތައްޔާރުކުރާނީ ރައްޔިތުންގެ ވިސްނުން ހުރި ގޮތަށް ބަލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީން މަސައްކަތް ކުރަނީ ސަޕްރައިޒް މެނިފެސްޓޯއެއް ދޭކަށް ނޫން. އަޅުގަނޑުމެން މިއުޅެނީ ރައްޔިތުން ހިތް އެދޭ މެނިފެސްޓޯއެއް ދޭން،" ރޮޒެއިނާ ވިދާޅުވި އެވެ.