ފާރިސްގެ ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާއަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ މިއަދު ބާއްވަން ހަމަޖެއްސި ފަހު އަޑުއެހުން މާދަމާއަށް ފަސްކޮށްފި އެވެ.


ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ކުރާ އެ ދައުވާގެ މިއަދު ހެނދުނު ބާއްވަން އޮތް އަޑުއެހުމަކީ އެ މައްސަލައިގެ ޚުލާސާ ބަޔާން އިއްވައި، މައްސަލައިގެ ހުރިހާ އަޑުއެހުންތައް ނިންމާލަން ތާވަލްކުރި އަޑުއެހުމެކެވެ. އެ އަޑުއެހުން ކެންސަލް ކުރުމަށް ފަހު މިހާރު ހަމަޖައްސާފައިވަނީ މާދަމާ މެންދުރު އެ މައްސަލައިގެ ފަހު އަޑުއެހުން ބޭއްވުމަށެވެ. ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެ މައްސަލާގައި ފާރިސްގެ ފަރާތުން ދިފާއުގައި 47 މީހަކު ހެކިންގެ ގޮތުގައި ހުށަހެޅިއިރު އިއްޔެ ބޭއްވި އަޑުއެހުމުގައި އޭގެ ތެރެއިން ހަ މީހެއްގެ ހެކިބަސް ވަނީ ނަގައިފަ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ފާރިސްގެ މައްޗަށް މަދުވެގެން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް ދައުލަތުން ފާރިސްގެ މައްޗަށް ކުރެ އެވެ. އޭގެ ތެރެއިން ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.